ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް މިއަދުވެސް އަތުލައިގެންފި ކަމަށް ރާއްޖޭގެ ދިފާޢީބާރު (އެމްއެންޑީއެފް)ން ބުނެފިއެވެ. 

އެމްއެންޑީއެފުން ބުނީ، "ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފި،" ކަމަށެވެ. އަދި "ޝްރީލަންކާގެ މިމަސްބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން،" ކަމަށްވެސް ބުނެފައިވެއެވެ. 

އިއްޔެވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާގެ 4 މަސްބޯޓެއް އަތުލައިގެންފައިވެއެވެ. އެގޮތުން އެމްއެންޑީއެފުން ބުނެފައި ވަނީ، "މިބޯޓްތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އދ. މަހިބަދޫ [އަސުރުމާ] މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މަޢުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައި،" ކަމަށެވެ.