ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ވަގުތު ކުޑަތަންވެފައި ވާ މި ދަނޑިވަޅުގައި، އެ ގައުމުގެ އެކި ހިސާބުތަކުގައި ބަޑީގެ ހަމަލާތަކެއް ދީ، 4 މީހަކު މަރާލައިފިއެވެ.

އެގޮތުން ރިޕޯޓުކޮށްފައިވާ އެއް ހާދިސާގައި، ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ކޮހުވާލާގެ ފިހާރައެއްގެ ތެރޭގައި އެކަކު ވަނީ ބަޑިޖަހައި މަރާލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަތިޔާރު އެޅިބައެއްގެ ޝިކާރައަކަށްވި އުމުރުން 43 އަހަރުގެ މީހާއަކީ އެ ފިހާރައިގެ ވެރިފަރާތެވެ. އޭނާއަށް ބަޑިން ހަމަލާދީފައި ވަނީ، ސައިކަލެއްގައި އައި ބައެއް ކަމަށްވެއެވެ.

އޭގެ ފަހުން ޓަންގަލޭގައި އުމުރުން 32 އަހަރުގެ ފިރިހެނަކު ބަޑީގެ ޒަހަމްތަކަކާއެކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، މިއީ ބަޑިޖެހުމުގެ ދެވަނަ ހާދިސާއެވެ.

މީގެ އިތުރުން މަޓާރާގެ މިޑިގަމާގައި ހުންނަ މަސް މާރުކޭޓެއްގައި ބުރާސްފަތި ދުވަހު ހެނދުނު ހިނގި އިތުރު ބަޑިޖެހުމުގެ ހާދިސާއެއްގައި އެކަކު މަރުވެ، ދެ މީހަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާގައި، ސައިކަލުގައި ހަތިޔާރު އެޅި ބަޔަކު އައިސް މަސް މާރުކޭޓަކަށް ވަދެ، ބަޑިން ހަމަލާދީ މަރާލާފައިވަނީ އެތަނުގެ ސްޓޯލެއްގެ ވެރިފަރާތެވެ.

މީގެ އިތުރުން، ބުރާސްފަތު ދުވަހު ހެނދުނު ކުރުނެގަލާގައި ވެސް ބަޑިޖެހުމުގެ ހާދިސާއެއް ހިންގައި 30 އަހަރުގެ ފިރިހެނަކު ވަނީ މަރާލައިފައެވެ.

ލަންކާގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުގައި ވޯޓު ލުމުގެ ޙައްގު ގާތްގަނޑަކަށް 17 މިލިއަން މީހުންނަށް ލިބިދެއެވެ. އިންތިޚާބުގައި 39 ކެންޑިޑޭޓަކު ވާދަކުރައްވާއިރު، މީގެ ތެރޭން އެންމެ ވާދަވެރި ކެންޑިޑޭޓުންނަކީ، މިހާރުގެ ރައީސް ޔޫއެންޕީގެ ރަނިލް ވިކްރަމަސިންހައާއި، އެސްޖޭޕީގެ ކެންޑިޑޭޓް ސަޖިތު ޕްރެމަދާސައާއި، އޭކޭޑީގެ ކެންޑިޑޭޓް އަނޫރަ ކުމާރަ ދިސަނަޔަކެއާއި އެސްއެލްޕީޕީގެ ފަރާތުން ކުރީގެ ބޮޑުވަޒީރު ރާޖަޕަކްސަގެ ދަރިކަލުން ނަމަލް ރާޖަޕަސާއެވެ.