ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް މަސައްކަތްކުރާނީ ކޮން ޕާޓީއަކާއެކުތޯ ބެލުމަށް އެ ޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި، އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ އެމްޑީޕީއާއި އަދި ޕީއެންސީއަށް ދެ ހުށަހެޅުމެއް ހުށަހަޅައިފިއެވެ. 

ހޯމަދުވަހުގެ ރޭ ބޭއްވި ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުމުގައި ވަނީ، މި މަހުގެ 28ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އަންނަ ބުދައިގެ ކުރިން އެމްޑީޕީން އެއްބަސްވާނަމަ އެ ޕާޓީއާއެކު މަޝްވަރާކުރުމަށެވެ. އަދި ޕީޕީއެމްއާ އެކު ސަރުކާރު އުފެއްދުމަށްޓަކައި، އެ ސަރުކާރުގައި ޑިމޮކްރެޓްސްއިން ހިއްސާވާ މިންވަރާއި، އެ ސަރުކާރުގައި އެ ޕާޓީގެ ސިޔާސަތުތައް ހިމެނޭނެ މިންވަރު ބަޔާންކުރާ ލިޔުމެއްގައި އަންނަ ބުދަ ދުވަހުގެ ކުރިން ސޮއިކުރަން އެއްބަސްވާ ނަމަ މަޝްވަރާކުރުމަށެވެ. 

"މިއިން އެއްވެސް ކަމަކަށް އެ ދެ ޕާޓީން އެއްބަސްނުވާނަމަ، ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރުމަށް،" ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމައިފައެވެ. 

ރައީސް އިބްރާހީމްގެ ސަރުކާރާ މެދު ހިތްހަމަ ނުޖެހިގެން، އެމްޑީޕީގެ ތެރޭން ނުކުމެ، ރައީސް މުޙައްމަދު ނަޝީދަށް ތާޢީދުކުރާ "ފިކުރެއްގެ ދިރުން" ފެކްޝަނުން އުފަންވި ދަ ޑިމޮކްރެޓްސް ވަނީ، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް، ވޯޓުލީ ރައްޔިތުންގެ 7 އިންސައްތަ ތާޢީދާއެކު، އިންތިޚާބުގެ 3 ވަނަ ހޯދައިފައެވެ.

އެއްވަނަ ހޯދީ، 46 އިންސައްތައާއެކު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިޒެވެ. އަދި ދެވަނަ ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމެވެ. 30 ސެޕްޓެމްބަރުގައި ބާއްވާ ދެވަނަ ބުރުގައި ވާދަކުރައްވާނީ މި ދެބޭފުޅުންނެވެ. ޑިމޮކްރެޓުން މަސައްކަތްކުރަނީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުގެ ކުރީން ނިޒާމީ ވޯޓެއް ނެގުމަށް އެއްބަސްވެ، ތާރީޚެއް ކަނޑައެޅުމަށެވެ.