އެމްޑީޕީގައި ތިބީ އިޤްދިޞާދު ދަންނަ މީހުން ކަމަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެ ނަމަ ޤައުމު ބަނގުރޫޓުވެދާނޭކަމުގެ ބިރު އަނެއްކާވެސް ރައީސް ދައްކަވައިފިއެވެ. 

މީގެ ކުރީންވެސް ރައީސް އިބްރާހީމް ވަނީ، އެމަނިކުފާނަށް ދިވެހި ރައްޔިތުން ދެވަނަ ފުރުސަތެއް ނުދެއްވައިފި ނަމަ، މިގައުމު ބަނގުރޫޓު ވެދާނޭކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ގައުމުގެ ހަމަޖެހުމާ އަމާންކަންވެސް ގެންލިދާނޭކަމަށް ވިދާޅުވެފައެވެ. 

ހޯމަ ދުވަހުގެ ރޭ މާންފަންނުގައި ކުރިއަށް ގެންދިޔަ ކަންމަތީ ޖަލްސާއެއްގައި ރައީސް އިބްރާހީމް ވިދާޅުވީ، ރައްޔިތުންނަށް މި އިންތިހާބު ކުރެވޭ ކަމަކުން އިންތިޚާބު ގެއްލިއްޖެ ނަމަ "މި ސަރުކާރު، މި ގައުމު ބަނގުރޫޓުވެގެން ދާތަން ފެނިގެން ދާނެ،" ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯ ތައްޔާރުކޮށްފައި ވަނީ، އެޕާޓީއާއި އަދި ގުޅިފައިވާ ޕާޓީތަކުގައި ތިއްބެވީ އިގްތިޞާދު ވަރަށް ރަނގަޅަށް ދަންނަ މީހުންކަމަށާއި، އަދި މެނިފެސްޓޯ ހަދާފައި ވަނީ އެފަރާތްތަކުގެ ލަފަޔާއެކު ކަމަށެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުގެ ސަބަބުން، ލޯނުތައް ހޯދުމަށާއި، އެފަދަ އެހެނިހެން ކަންތައްވެސް ކުރީ ސަރުކާރުތަކަށް ނުވާހާ ފަހި ވެފައިވާކަމަށެވެ. 

ރައީސް އިބްރާހީމް ވަނީ، ކުރީގެ ސަރުކާރުގެ އަނިޔާވެރިކަމާއި، މިސަރުކާރުގެ މޮޅުކަމާއި ހަރުދަނާކަން އަޅާކިޔުއްވައި، ދެވަނަ ބުރުގައި ރައްޔިތުން ނުކުމެ އެއްބުރުން އެމަނިކުފާނު ހޮވުމަށް ގޮވާލައްވައިފައެވެ. 

ރައީސް ޞާލިހު އިޤްތިޞާދާއި ޚާރޖީ ގުޅުމުގެ ވާހަކަ ދައްކަވާއިރު، މިހާރުވެސް ރާއްޖެ ވަނީ ބަނގުރޫޓުވުމާ ގާތްވެފައެވެ. އަދި އަވައްޓެރި އިންޑިއާއިން ނަގާފައިވާ އެތަކެއް ސަތޭކަ މިލިއަން ލޯނުގެ ދަންތުރައިގައި ގައުމު ޖައްސައި، އިންޑިއާގެ އުނގަށް ވެއްޓޭނޭ ފަދަ ސަރުކާރެއް ނުއުފެދިއްޖެނަމަ، ހަމަ ހަގީގަތުގައި ވެސް ގައުމު ބަނގުރޫޓްވާ ވަރު ވަނީ ކޮށްފައެވެ.

މީގެ އިތުރުން، މިސަރުކާރުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން، ދައުލަތުގެ ދަރަނި، 110 ބިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، މިހާރުވެސް ޚަރަދުތައް ކުޑަކުރުމުގެ ބަދަލުގައި އެމަނިކުފާނު ގެންދަވަނީ، އިންތިޚާބުން ވޯޓު ހޯއްދެވުމަށް މުވައްޒަފުންގެ މުސާރަބޮޑުކޮށް، މުޅި ދައުލަތް ލޫޓުވަމުން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.