ގިނަ އަދަދެއްގެ ފަރުމަސް، މަރުވެގެން އުތުރުގެ ރަށްތަކަށް ލައްގަމުންދާތީ، އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެމައްސަލަ ތަހުގީގުކުރާން ފަށައިފިއެވެ. 

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ، އުތުރުގެ ބައެއް އަތޮޅުތަކުގެ (ނ،ރ،ބ،ޅ) ހިމެނޭގޮތަށް ބައެއް ރަށްތަކަށް މިހަފްތާ ތެރޭގައި ގިނަ ޢަދަދެއްގެ މަސް މަރުވެގެން ލައްގަމުންދާ އެ މައްސަލަ ޢާންމު ފަރާތްތަކުން އީޕީއޭގެ ސަމާލުކަށް ގެނެސްފައިވާ ކަމަށެވެ. 

ސޯޝަލް މީޑިއާގައި ޢާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން، މަރުވެގެން ލައްގާފައި ވަނީ، ކުދި ވާލަންރޮނޑު (ބޭބީ ޓްރިގަރ ފިޝް) ތަކެކެވެ. އަދި ރޮނޑު ނޫން ބައެއް ބާވަތްތަކުގެ ފަރުމަސްވެސް މަރުވެގެން ލައްގާފައިވެއެވެ.

އީޕީއޭއިން ބުނީ، މަސްތައް މަރުވާ ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ. ނަމަވެސް، ހޫނު ގަދަވުމުގެ ސަބަބުން، ނުވަތަ ކޮންމެވެސް ބައްޔެއްގެ ސަބަބުން ކަމަށެވެ.