މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް، 47،000އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ، ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ފެށިގެން އާދީއްތަ ދުވަހުގެ 4:00އާ ހަމައަށް ހުޅުވާލި ފުރުސަތުގައި ހުކުރު ދުވަހާއި ހޮނި ހިރު ދުވަހު އެކަނިވެސް 25493 ފަރާތަކުން ރީ-ރެޖިސްޓަރީ ކުރާން ހުށަހެޅި ކަމަށެވެ. އަދި ޖެހިގެން އައި އާދީއްތަ ދުވަހު 22،000އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅައި، 3 ދުވަހުުގެ ތެރޭގައި 47،000އަށް ވުރެ ގިނަ މީހުން ރީ-ރެޖިސްޓަރީ ކުރާން ހުށަހަޅާފައިވާ ކަމަށެވެ. 

އީސީގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާޢީލް ހަބީބު ވިދާޅުވީ، "ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި، 42،867 މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅިއިރު، ދެވަނަ ބުރުގައި 47 ހާހަށްވުރެ ގިނަ މީހުންވަނީ، ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައި،" ކަމަށެވެ.

"މީގެ ތެރެއިން، 19 ހާހަށް ވުރެ ގިނަ ފޯމު ވަނީ އިއްޔެގެ ނިޔަލަށް، ރަޖިސްޓަރީ ކޮށްދެވިފައި. 27 ހާހަށް ވުރެ ގިނަ ފޯމު ގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އީސީ އިން ދަނީ ކުރަމުން،" ކަމަށްވެސް އޭނާ ވިދާޅުވިއވެ.

ހަބީބު ވިދާޅުވީ، "ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެ. އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޢާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ޙިއްޞާ ކުރާނެ،" ކަމަށެވެ.

މީގެ އިތުރުން "ރީ-ރަޖިސްޓަރީ ކުރަން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ، ދެ ކެންޑިޑޭޓުން ނިސްބަތްވާ ދެ ޕާޓީން،" ކަމަށާއި "އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ބައެއް ފަރާތްތަކުން، ހުށަހެޅި ފޯމު ޕެންޑިންގ ގައި އިންނާތީ، އަލުން ފިޒިކަލް ފޯމު ލާފައިވާކަންވެސް ފާހަގަކުރެވޭ،" އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައި ވަނީ، 225،486 މީހުންނެވެ. ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 282،395 މީހުން ތިބި އިރު ވޯޓުގައި ބައިވެރި ނުވާ 56,909 މީހުން ތިބިކަން ފާހަގަކޮށްލެވެއެވެ. 

ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ، 86،161 ވޯޓެވެ. އަދި ރައްޔިތުންގެ ބޮޑު ތާޢީދަކާއެކު ޑރ. މުޢިއްޒަށް ވަނީ 101،635 ވޯޓު ލިބިވަޑައިގެންފައެވެ. 

ކުއްލިއަކަށް މިހާ ގިނަ ބަޔަކު ރީ-ރެޖިސްޓްރީވުމަށް ހުށަހެޅުމުން އިދިކޮޅު ފަރާތްތަކުން ދަނީ، މިއީ ސަރުކާރުން ނުފޫޒުފޯރުވައިގެން ވޯޓު އޮޅުވާލުމަށް ކުރާކަމެއްގެ ގޮތުގައިވެސް ތުހުމަތު ކުރަމުންނެވެ.