ރާއްޖޭގައި ބާއްވަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބަލަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ ބައްދަލުކުރެއްވުމަށް އެދިވަޑައިގަތް ނަމަވެސް، ޔާމީން އެކަމަށް ބޭނުންފުޅުވެވަޑައި ނުގަންނަވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނެފިއެވެ.
ދަ ޑިމޮކްރެޓްސް އިން މިމަހުގެ 25ގައި ނަގަން މަސައްކަތްކުރަމުން އަންނަ ރައްޔިތުންގެ ފެންނަ ނުފެނަ ނިޒާމީ ވޯޓާ ގުޅޭގޮތުން، ރައީސް ނަޝީދު ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނީ، "ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެންނައިރު، ރައީސް ޔާމީނާވެސް މިކަމުގައި މަޝްވަރާކުރުން ކޮންމެހެން ބޭނުންތެރި،" ކަމަށެވެ. އަދި "އަޅުގަނޑު މަޖިލީހުގެ އަމީންއާންމު އަރިހުގައި ދަންނަވާފައި ވާނެ، މާދަމާ އަޅުގަނޑަށް މާފުއްޓަށް ދެވޭތޯ، މާފުއްޓަށް އަޅުގަނޑު ދިއުމަށް،" އެދިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކަރެކްޝަންސްގެ އޮފިޝަލަކު މިހާރަށް މައުލޫމާތު ދެމުން ވިދާޅުވީ، މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނާ ބައްދަލު ކުރައްވަން ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންނެވި ކަމަށާއި ނަމަވެސް އެކަން ކުރައްވަން ޔާމީން ބޭނުންފުޅު ނޫން ކަން އެ އިދާރާއަށް އަންގަވާފައިވާ ކަމަށެވެ.
އެހެންވެ މިހާރު އެ ޖަވާބު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދު އިއްޔެ ވިދާޅުވީ، އެމްޑީޕީއަށްވެސް މިހާރު ހުށަހެޅުންތަކެއް ހުށަހަޅާފައި ވާކަަމަށާއި، އަދި ގޮތް ނިންމާން ޑިމޮކްރެޓުން ވަރަށް އަވަހަށް ޑެޑްލައިނެއް ކަނޑައާޅާނޭ ކަމަށެވެ.
"ޕީޕީއެމުން އެބުނާ ފަދައިން ޝަރުތަކާ ލައިގެން ނަމަވެސް ނުވަތަ ނުލާނަމަވެސް ކޮންމެވެސް ގޮތަކަށް ވިޔަސް އަޅުގަނޑުމެން ގޮތެއް ނިންމާންޖެހޭ،" ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މާކަ ގިނަ ވަގުތެއް އެމްޑީޕީއަަށް ދެވެން ނެތްކަމަށެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި އެމްޑީޕީއަށްވެސް ވަގުތުދޭން އަޅުގަނޑުމެން އެބަ ޖެހޭ ޑެޑްލައިނެއް ކަނޑައަޅާން. އަޅުގަނޑު ދެކޭ ގޮތުގައި ދެނެއް ނެތް ގިނަ ވަގުތު ދެވޭކަށް، ދެން އަޅުގަނޑު ގަބޫލުކުރަނީ ކައުންސިލުން މިކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރާނޭކަމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.