ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އޮންނަތާ އެތަކެއް ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެ މައްސަލަ އަވަސް ކުރުމުގެ ނިޔަތެއް ހައި ކޯޓުގައި ނެތް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ރިޝްވަތާއި މަނީ ލޯންޑްރިންގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލްކޯޓުން ޙުކުމްއިއްވާ ޑިސެމްބަރު 25، 2022ގައެވެ. ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށް، އެ މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމަކާ ހަމައަށް ގޮސްފައި އޮންނަތާ ވެސް މިހާރު އެތައް ދުވަހެއްވެއްޖެއެވެ.

ޕީއެންސީގެ އިސް ބޭފުޅުން ވަނީ، ރައީސް ޔާމީނުގެ މައްސަލަ އަވަސްކޮށްދިނުމަށް އެދި ބުދަ ދުވަހު ހައި ކޯޓަށް ގޮސްފައެވެ. އަދި ހައިކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ، ޔާމީންގެ މައްސަލަ ތާވަލް ކުރާނެ ދުވަހެއް އަދި ނޭނގޭ ކަމަށް ކޯޓުން ބުނިކަމަށެވެ. ހައި ކޯޓުން ލިބުނު ޖަވާބާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެއީ ކޯޓުން ދެއްކީ ހުއްޖަތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ރާއްޖޭގެ ހައި ކޯޓުން އަޅުގަނޑުމެންނަށް ލިބުނު ޖަވާބަކީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާ ޖަވާބެއް،" މައްސަލަ މިހާރު ގޮސްފައިވާ ހިސާބުން އިތުރަށް ލަސްވެގެން ދިޔުމަކީ އެއްގޮތަކަށް ވެސް ރާއްޖޭގެ ގާނޫނު އާސާސީއާއި ކޯޓުތަކުގެ ގާނޫނާ އެއްގޮތުން ދެއްކޭނެ ހުއްޖަތެއް ނޫންކަން ފާހަގަކުރައްވަމުން މަލީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "ޖުޑިޝަރީ ދޮރުގައި ޓަކި ޖަހައި ޖަހައި ވަރުބަލިވެއްޖެ. ރައީސް ޔާމީން ހުންނެވީ ޖަލުގައި. ހައި ކޯޓު މިއީ ދެވަނަ އަށް އެންމެ ބޮޑު ކޯޓުގެ ވާހަކަ މިކިޔަނީ. އެޕީލް ކޯޓެއްގެ ވާހަކަ،" ކަމަށެވެ.

އަދި "ކޯޓުން މި މައްސަލަ އަވަސް ކުރުމުގެ ނިޔަތެއް ނެތުމަކީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިކަމާ މެދުގައި އިންތިހާއަށް ކަންބޮޑުވާ ކަމެއް،" ކަމަށްވެސް މަލީހު ވިދާޅުވިއެވެ.