ކުރީގެ ރައީސް މުހައްމަދު ނަޝީދު އަހަރުތަކަކަށް ސިޔާސީ މަސައްކަތުން ދުރަށް ވަޑައިގެންނެވުމަށް ނިންމަވައިފި އެވެ.

ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ އެކިއެކި މަސައްކަތުގައި އުޅޭތާ އަހަރުތަކެއް ވެފައިވާ ކަމަށާއި އެ މަސައްކަތުގައި އެމަނިކުފާނަށް ތާއީދުކުރި މީހުންގެ އެހީ ލިބުނުއިރު ވާދަވެރިން އަދި އެމަނިކުފާނަށް ފުރައްސާރަކޮށް މަލާމާތް ކުރާ ހަތުރުވެރިންނަކީ ވެސް އެ މަސައްކަތުގެ ބައިވެރިން ކަމަށެވެ.

"މިއަދު އަޅުގަނޑު މި ލިޔާ ބަޔާނުގެ ބޭނުމަކީ، އަހަރުތަކަކަށް އަޅުގަނޑު ސިޔާސީ މަސައްކަތުން ދުރުވާ ކަމަށް ދެންނެވުމެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރާނެ ވާހަކަ ދެންނެވުމެވެ،" މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތުގައި އެންމެ ބޮޑަށް މަސައްކަތް ކުރީ ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއް ފައްކާ ކުރުމަށް ކަމަށާއި ސިޔާސީ މަސައްކަތުގައި ނުހަނު އަނިޔާ އާއި ހިތާމަވެރިކަމާއި އެކަނިވެރިކަން ލިބުނު ކަމަށެވެ. ނަމަވެސް މި މަސައްކަތުގައި ނުހަނު އުފާވެރިކަމާއި ހިތްހަމަޖެހުން ވެސް ލިބުނު ކަމަށާއި "ބޮލުގައި އެޅިދިޔަ ކޮންމެ މަޅިއެއް ވަނީ މާފައްޗަކަށް ބަދަލުވެފައި" ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމު އަދާކުރުމުގައި ވީ މިންވަރަކުން ރައްޔިތުންނަށް ހިދުމަތްކޮށްދެވުނު ކަމަށާއި އުއްމީދަކީ ދިވެހި ސަރުކާރަކާއި ވެރިން ޖަވާބުދާރީ ކުރުމުގެ މަސައްކަތް އަންނަން އޮތް ޖީލުތަކުގެ މީސްތަކުން ކުރުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ނަޝީދު ދާދިފަހުން އައްޔަން ކުރެވުނުއިރު، އެމަނިކުފާނު ވަނީ އެ ވަޒީފާގައި ހުރެ ރާއްޖެ އަށް ހިދުމަތްކޮށްދެވޭ މިންވަރު އިންތިހާ އަށް ތަނަވަސްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އަންނަ މަހުން ފެށިގެން މި ވަޒީފާ އަދާކުރަން ފައްޓަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.