ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެރިކަމަށް އައުމަށް ދިވެހި ރައްޔިތުންނަށް ވީ އެންމެ ބޮޑު ވައުދަކީ އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރުންކަމަށާއި، ނަމަވެސް އެކަން ކުރުމަކީ އުނދަގޫކަމެއްގެ ގޮތުގައި ސަރުކާރުގެ ވަޒީރުން ސިފަކުރެއްވުމުން، ވަރަށް ބޮޑަށް މާޔޫސްވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި، ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ދަޢުވާކޮށްގެން 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ، ރައީސް ޔާމީން ވަނީ އެމަނިކުފާނު އަލަށް އުފައްދަވާ ސިޔާސީ ޕާޓީ "ޕީއެންއެފް"އިން ބޭއްވި ޖަލްސާއެއްގައި ޢާންމު މެންބަރެއްގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގެންފައެވެ. ނަމަވެސް، ކަރެކްޝަނުން ވަނީ، އެމަނިކުފާނު ސިޔާސީ އެއްވެސް ޚަރަކާތެއްގައި ބައިވެރިވުން މަނާކޮށްފައެވެ. 

ޖަލްސާގައި ބައިވެރިވި މެންބަރުންނަށް ޕޯޑިއަމްގައި ތިއްބެވި ބޭފުޅުންނާ ސުވާލުކުރާން ލިބިވަޑައިގެންނެވި ފުރުސަތުގައި ރައީސް ޔާމީން ވިދާޅުވީ، " އަޅުގަނޑުމެންގެ ސަރުކާރު ވެރިކަމަށް އަންނަމުން ވެސް އަޅުގަނޑުމެންގެ އެންމެ ބޮޑު ވައުދަކަށްވީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުން،" ކަމަށެވެ. 

"އަޅުގަނޑުމެން ގަބޫލުކުރި ގޮތަށް ރައީސް ހުވާކުރުމުގެ ރަސްމިއްޔާތު ނިމުމާއެކީ ވަރަށް ކުރިން އިއުލާނު ކުރެއްވި އިންޑިއާ ސިފައިން ބާލުއްވާނެ ކަމަށް އަދި އިންޑިއާ ސަރުކާރާ އެކަން ކޮމިއުނިކޭޓް ކުރެއްވި ކަމަށް"، ޑރ. މުޢިއްޒުގެ ސަރުކާރު "އަޅުގަނޑުމެންގެ ސަރުކާރު"ގެ ގޮތުގައި ސިފަކުރަށްވަމުން، ޔާމީން ވިދާޅުވިއެވެ. 

ނަމަވެސް، ދާދިފަހުން އިންޑިއާ ސިފައިން ބޭލުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށް ވިދާޅުވެ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވި ވާހަކަފުޅަކަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ، "ރައީސް އޮފީހުގެ ވަޒީރަކު މިހެން ވިދާޅުވީމާ އަޅުގަނޑު ވަރަށް ނާއުންމީދުވިޔޭ. ފަސޭހަ ކަމެއް ނޫނޭ. އެއްވެސް ކަމެއް ފަސޭހައެއް ނުވެދާނެ," ކަމަށެވެ.