ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި އާދީއްތަ ދުވަހު ހަވީރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދު ކެމްޕޭނުގައި އުޅުއްވަނިކޮށް، އެކަމަނާއަށް ބާޣީއަށް ގޮވީ، 1988ގެ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުލީ ސިފައިންގެ ބަޔަކު އަރައި ދިން ޢުދުވާނީ ހަމަލާގައި ބާޣީން ކަނުބަނދެ ބޮލަށް ބަޑިޖަހައި ޝަޙީދުކޮށްލި ޢާންމު ރައްޔިތެއް ކަމަށްވާ، ޝަހީދު ޢަބްދުއް ސައްތާރު އާދަމްގެ ދަރިއެއް ކަމަށްވާ އަޙްމަދު އިރުބާލެވެ. 

މިއަދުގެ ހާދިސާއާ ގުޅިގެން މެޑަމް ފަޒްނާއާއި އަދި އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި އަދި ސަރުކާރު ކޯލިޝަންގެ ގިނަ ފަރާތްތަކަކުންވެސް ދަނީ، ފަސްޓްލޭޑީއަށް ފުރައްސާރަކޮށް، އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ރައީސް އިބްރާހީމްގެ ކެމްޕޭނަށް ހުރަސްއަޅަނީ ކަމަށް ބުނެ އަޑުފަތުރައިފައެވެ. ނަމަވެސް ހިޔާ ފްލެޓް ސަރަހައްދުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ، ކޮަމަނާރސް ފްރެންޑްޝިޕް އެސޯސިއޭޝަނުގެ ފަރާތުން ވަނީ، މެޑަމް ފަޒުނާއަށް ބާޣީއަށް ގޮވި ފަރާތް ހޯދައި އޭނާއާ އިންޓަވިއުއްކޮށް، އެކްގައި އެ ވީޑިއޯ ހިއްސާކޮށްފައެވެ. 

"އެއީ އަޅުގަނޑުގެ ބައްޕަ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު، ފަޒްނާގެ ބައްޕަ އިސްވެ ހުރެ، ބަޣާވާތެއްކޮށްގެން އަޅުގަނޑުގެ ބައްޕަ މަރާލާފައި ވަނީ، އެހާދިސާގައި އަޅުގަނޑުގެ ބައްޕަ ޝަހީދުކޮށްލާފައި ވަނީ،" ޝަހީދު ޢަބްދުއް ސައްތާރު އާދަމްގެ ދަރިފުޅު އަޙްމަދު އިރުބާލް އަސަރާއެކު ކިޔައިދިނެވެ.

"އެހެންވެ އޭނާ [ފަޒްނާ] ފެނުނީމަ އަޅުގަނޑު ހަމަ ޖަޒުބާތުގަ ޖެހި ގޮވުނީ ހަމަ،" އިރުބާލު ބުންޏެވެ.

އިރުބާލު ކިޔައިދިން ގޮތުގައި އޭނާއަށް މެޑަމް ފަޒުނާ އެސަރަހައްދުގައި ކެމްޕޭނުގައި އުޅުއްވަނިކޮށް ފެނުނީ، ދަރިފުޅަށް ހެދިކާކޮޅެއް ގަނެގެން ގެއަށް ދިޔަ މަގުމަތީގައެވެ.

"އަޅުގަނޑަށް ފަޒްނާ ފެނުނީ، ދަރިފުޅަށް ހެދިކާކޮޅެއް ގަނެގެން އަންނަނިކޮށް. ފެނިގެން ދެން އަޅުގަނޑު އެގޮތަށް ގޮވާން ފެށީ،" އެއީ އެއްވެސް މީހަކު ބުނެގެން ކުރިކަމެއް ނޫންކަން ފާހަގަކޮށް އޭނާ ބުނެއެވެ. 

އިރުބާލް ބުނީ، މެޑަމް ފަޒްނާގެ ބައްޕަ ކުރި ކަމެއްގެ ޒިންމާ އޭނާގެ ދަރީން ނަގަން ނުޖެހޭކަމަށް ގަބޫލުކުރާ ކަމަށާއި އެހެން ނަމަވެސް، މެޑަމް ފަޒްނާ ފެންނައިރަށް ހަމަ "އަޅުގަނޑުގެ ބައްޕަ މަތީން ހަނދާން ވަނީ" ކަމަށެވެ. 

"އެއީ އަޅުގަނޑުގެ ލޮލަށް ފެނިފަ ހުރި މަންޒަރެއް. ބައްޕަ ޝަހީދުކޮށްލި މަންޒަރު. އެއީ ހަމަ ބަޑިޖަހާ، ލައިފްޖެކެޓް އަޅުވާފަ ބަޑިޖަހާ މަރާފަ ކަނޑަށް އެއްލާލީ" އަސަރާއެކު އޭނާ ކިޔައިދެމުން ދިޔައެވެ. 

"އެއީ ޕްރޮގްރެސް ލައިޓް ބޯޓުގައި އިންޒާރެއްގެ ގޮތުން، ފެހިކުލައިގެ ފޮތިކޮޅަކުން ކަނުބަދެފަ. ބޮލުގެ ކަނާތްފަރާތަށް ހަމަ ބަޑިޖަހައި މަރާލާފައި އެއްލާލީ." މީގެ 35 އަހަރު ކުރީން، މެޑަމް ފަޒުނާގެ ޕައްޕަ ސިއްކަ އަޙުމަދާއި އަދި ދިވެހީންގެ އިތުރު ބަޔަކު އަޑީގައި ތިބެގެން ކުލީ ސިފައިންނާއެކު ރާއްޖެއަރައި ހިންގި އެ ބިރުވެރި ހާދިސާގައި ރަހީނެއްގެ ގޮތުގައި ކަނޑުބޯޓަށް އަރުވައިގެން ގެންދިޔަ އޭރު އަދި ހަމަ ފުރާވަރު ޢުމުރުގެ އިރުބާލު، އެ ބިރުވެރި އަދި ހިތްތަދި ވަގުތުކޮޅުގެ ހަނދާންތައް އަސަރާއެކު ކިޔައިދިނެވެ.

ނޮވެމްބަރު 3ގެ ޢުދުވާނީ ހަމަލާގައި ބާޣީން ވަނީ، 19 ދިވެހީން ޝަހީދުކޮށްލައި އެތައް ބަޔަކު ޒަޚަމްކޮށް ރަހީނުވެސް ކޮށްފައެވެ. މި ހާދިސާގައި ސިއްކަގެ މައްޗަށް 15 އަހަރު ދުވަހުގެ ޖަލުހުކުމެއް އިއްވި ނަމަވެސް، ޖަލުހުކުމުގެ ބޮޑުބައި ތަންފީޒު ނުވެ އޮއްވައި ރައީސް މައުމޫނު ވަނީ އޭނާ މިނިވަންކޮށްފައެވެ. އެހެން ނަމަވެސް މިއަދުވެސް އެހާދިސާގައި އެކިއެކި ގެއްލުން ލިބުނު ފަރާތްތަކާއި، އަދި ޚާއްސަކޮށް އެ ބިރުވެރި ހާދިސާގައި ޝަހީދުވި ފަރާތްތަކުގެ އާއިލާތައް، ނޮވެމްބަރު 3ގެ ހާދިސާގެ މޭސްތިރީންނަށް މާފެއް ނުކުރެއެވެ. އަދި ހަމަ އިރުބާލެކޭ އެއްގޮތަށް އެފަރާތްތަކުންވެސް ޖަޒްބާތުގައި ޖެހި އަދި އަދަށްދާންވެސް "ބާޣީ"އަށް ގޮވުންފަދަ ބަސްތައް ބޭނުންކުރެއެވެ.