"ހިޔާ ފްލެޓު ސަރަހައްދަކީ ވަކި ބައެއްގެ ބާރުހިނގާ ސަރަހައްދެއްނޫން" ކަމަށާއި "ކޮންމެ ރައްޔިތަކަށް މިނިވަންކަމާއިއެކު ކެމްޕޭނު ކުރެވެންވާނެ" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯއީ، އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ. 

ޑީއާރްޕީ، ޕީޕީއެމް އަދި ޖޭޕީގެ ކުރީގެ ނައިބު ރައީސްކަންވެސް ކުރެއްވި އިލްހާމް މިހެން ވިދާޅުވެފައި މިވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރިޔާސީ ދެވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށް ކެމްޕޭން ކުރެއްވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ފަޒްނާ އަޙްމަދު މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގަތުމުން ބަޔަކު އެކަމަނާއަށް ބާޣީއަށް ގޮވައި ކެމްޕޭނަށް ހުރަސް އެޅިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ. 

ފަސްޓްލޭޑީ މެޑަމް ފަޒްނާ ހިޔާ ފްލެޓް ސަރަހައްދުގައި ކެމްޕޭން ކުރައްވަނީ-- އެކްސް ފޮޓޯ: ޝިނާން

 

ހިޔާ ފްލެޓް ސަރަޙައްދަށް މެޑަމް ފަޒްނާ ވަޑައިގަތުމުން އެ ފްލެޓްތަކުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ، ނުރުހުން ފާޅުކޮށް، އަދި އެމީހުންގެ ތާޢިދު އޮތީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ކަމަށް ބުނެފައެވެ. 

މީގެ އިތުރުން، އެ ސަރަހައްދުގައި އެވަގުތު ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދިޔަ ފުލުހުން ވަނީ، އެސަރަހައްދުން ޒުވާނަކު ބިޑިއަޅުވައި ހައްޔަރުކޮށްފައެވެ.

ހިޔާ ފްލެޓް ސަރަހައްދުން މެޑަމް ފަޒްނާއަށް ބާޣީއަށް ގޮވީ، 1988 ނޮވެމްބަރު 3ގެ ޢުދުވާނީ ހަމަލާގައި ބާޣީން ރަހީނުކޮށްގެން ގެންގޮސް ޝަހީދުކޮށް ކަނޑަށް އެއްލާލި އަބްދުއްސަތާރު އާދަމްގެ ދަރިއެއް ކަމަށްވާ އަޙްމަދު އިރްބާލުއެވެ. އިރްބާލު ބުނެފައިވާގޮތުން އޭނާގެ ބައްޕަ ބަޑިޖަހައި ޝަހީދުކޮށްލީ އޭނާގެ ކުރިމަތީގައެވެ. އަދި އެމަންޒަރު މިހާރުވެސް ހިތަށް ގެނެވޭ ކަމަށާއި، އެހެންކަމުން އެހާދިސާގެ މެދުވެރިއަކަށްވި ސިއްކަ އަހުމަދު އިސްމާއިލްގެ ދަރިޔަކު އާރާއި ބާރުގައި އެގޮތަށް ކުރިމައްޗަށް އައުމުން ޖަޒްބާތުގައި ބާޣީއަށް ގޮވެނީކަމަށް އޭނާ ބުންޏެވެ.

ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުން ބުނާގޮތުން މެޑަމް ފަޒްނާއަށް އެތަނަށް އައިސް ކެމްޕޭންކުރުމުގެ މިނިވަންކަން އޮތް ފަދައިން، އެހެން ރައްޔިތުންނަށްވެސް ޚިޔާލުފާޅުކުރުމާ އެއްވެ އުޅުމުގެ މިނިވަންކަން ފުރިހަމައަށް އޮންނާން ޖެހޭނެއެވެ.