ރިޔާސީ އިންތިހާބު 2023 ގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެންބަރަކަށްވެސް އަދި ކަމާ ގުޅުން ނެތް އެއްވެސް ފަރާތަކަށް ދީފައި ނުވާނޭކަމަށް އީސީގެ ނައިބުރައީސް އަދި ތަރުޖަމާނު އިސްމާޢީލް ޙަބީބު ވިދާޅުވެއްޖެއެވެ. 

ޙަބީބު މިހެން ވިދާޅުވެފައި މިވަނީ، ބައެއް ސިޔާސީ ޕާޓީތަކުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، އަދި ބައެއް ސިޔާސީ ފަރާތްތަކުންނާއި އަދި ބައެއް މީޑިއާތަކުންވެސް، އިލެކްޝަން ކޮމިޝަނުގެ ކުރީގެ މެމްބަރު އަލީ ނަޝާތު އެމްޑީޕީއަށް ދިން ރީ-ރެޖިސްޓްރޭޝަން ޕޯޓަލްގެ ބެކްޑޯ އެކްސެސްއަކުން ޕޯޓަލަށް ވަދެ، ގިނަ އަދަދެއްގެ މީހުންގެ ނަމުގައި އެފަރާތްތަކަށް ނޭނގި ފޯމު ހުށަހަޅައި ވެލިޑޭޝަންވެސް ހަދާފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނިކޮށެވެ. 

އީސީން ހާމަކޮށްފައި ވާގޮތުން، ހުކުރު ދުވަހު މެންދުރު ފަހު 3:00 އިން އާދީއްތަ ދުވަހު ހަވީރު 4:00އަށް ހުޅުވާލި ރީ-ރެޖިސްޓްރޭޝަން ފުރުސަތުގެ ފުރަތަމަ ދެދުވަހުގެ ތެރޭގައި 25،000އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވެއެވެ. އަދި އޭގެ ތެރޭން 18،000އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައި ވަނީ އޮންލައިންކޮށެވެ. 

ހަބީބު ވިދާޅުވީ، "ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެންބަރަކަށްވެސް، ނުވަތަ ކަމާ ނުބެހޭ އެއްވެސް ފަރާތަކަށް ދީފައި ނޯންނާނެ،" ކަމަށެވެ.

އަދި "ރިޔާސީ އިންތިހާބުގެ ރީ ރެޖިސްޓްރޭޝަން އޮންލައިން ޕޯޓަލް ހެކް ކުރުމަށް، ބޭރުން މަސައްކަތް ކޮށް، އެޓޭކްތަކެއް ދޭން އުޅުނަސް، އެކަން ދެނެގަނެ، ޙައްލުކުރުމުގެ ޤާބިލުކަން، އީސީގައި ގާއިމްކޮށްފައި ހުންނާނެ،"ކަމަށްވެސް އޭނާ ވިދާޅުވިއެވެ.  

މީގެ އިތުރުން، ހަބީބު ވިދާޅުވީ، "ރީ-ރަޖިސްޓްރޭޝަން ޕޯޓަލް އާ މެދު ޙަގީގަތާ ޚިލާފު ޚަބަރުތައް ނުފެތުރުއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރައްވާ،" ކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައި ވަނީ، 225،486 މީހުންނެވެ. ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 282،395 މީހުން ތިބި އިރު ވޯޓުގައި ބައިވެރި ނުވާ 56,909 މީހުން ތިބިކަން ފާހަގަކޮށްލެވެއެވެ. 

ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ، 86،161 ވޯޓެވެ. އަދި ރައްޔިތުންގެ ބޮޑު ތާޢީދަކާއެކު ޑރ. މުޢިއްޒަށް ވަނީ 101،635 ވޯޓު ލިބިވަޑައިގެންފައެވެ.