ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އެއްވެސް ބަޔަކާއެކު އިއްތިހާދު ނުވެ، ވަކިފަރާތަކަށް ނުޖެހި ތިބުމަށް ނިންމާފައި ވީ ނަމަވެސް، ޕާޓީގެ ނަން ބޭނުން ނުކޮށް އެ މެންބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ތާޢީދުކުރުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ޤާނޫނީ ހައްޤެއްކަމަށް އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖުމުލަ 8 ކެންޑިޑޭޓުން ވާދަކުރި މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޤާސިމަށް ލިބިވަޑައިގަތީ، 5460 ވޯޓާއެކު ހަތަރު ވަނައެވެ. އެހެންކަމުން 101635ވޯޓާއެކު ފުރަތަމަ ބުރުން އެއްވަނަ ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، 86161 ވޯޓާއެކު ދެވަނަ ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުވެސް ވަނީ އެފަރާތްތަކާ ގުޅުމަށް ޖުމްހޫރީ ޕާޓީއަށް ދަޢުވަތު ދީފައެވެ. ނަމަވެސް ޖޭޕީން މިފަހަރު ނިންމީ އެއްވެސް ބަޔަކާ އިއްތިހާދު ނުވުމަށެވެ. 

ޤާސިމް ވިދާޅުވީ، "16 ސެޕްޓެމްބަރ 2023 ވަނަ ދުވަހު މެންދުރުފަހު ބޭއްވި ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި، ހިނގަމުން މިދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ތާއީދު ކުރާނީ ކޮންކެނޑިޑޭޓަކަށް ކަން ކަނޑައެޅުމާއި، ނުވަތަ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކޮށް ނިއުޓްރަލްކޮށް ތިބުމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްގެ ފުރިހަމަ ޢައުލަބިއްޔަތުން އަޅުގަނޑާއި މަތިކުރުމުން، އަޅުގަނޑު ނިންމާފައިވާނީ ވެޔަތުވިތަނުގައި ކޯލިޝަން ހަދައިގެން 3 ފަހަރުމަތީންވެސް ލިބުނު ހިތި ނަތީއްޖާ އަށް ބެލުމަށްފަހު، މި އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށް،" ކަމަށެވެ.

ޤާސިމް އިދިކޮޅު ލީޑަރުންނާ ބައްދަލުކުރެއްވުން-- ފޮޓޯ: ޖޭޕީ

 

"ނަމަވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މި ނިންމުންމުގެ ސަބަބުން މެންބަރުންގެ ހައްޤަކަށް އުނިކަމެއް އަތުވެދާނެކަމަށް އަޅުގަނޑަށް ފެންނާތީ، ޕާޓީގެނަން ބޭނުން ނުކޮށް އެ މެންބަރަކަށް ފެންނަ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމާ، ވޯޓު ދެއްވުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ޤާނޫނީ ހައްޤެއް ކަމުގައި އަޅުގަނޑުދެކޭތީ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކާ މި ވާހަކަ ދެންނެވީ،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މިފަހަރުގެ އިންތިޚާބުގެ ދެވަނަ ބުރުގައި ސަރުކާރު އިއްތިހާދާ އެކު މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެން ގާސިމާ މަޝްވަރާކުރެއްވުމަށް ރައީސް އިބްރާހީމް 3 ދުވަސް ވަންދެން ގާސިމްގެ ވިލާ ޕާކުގައި ހުންނެވިކަމަށް ވެއެވެ. 

ނަވަމެސް ފުރަތަމަ ބުރުން ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން މިސަރުކާރަށް ނޫނެކޭ ބުނެފައި ވާދަނޑިވަޅެއްގައި، ޤާސިމް އިޚްތިޔާރުކުރެއްވީ، ރައީސް އިބްރާހީމްގެ އެއްވެސް ހުށަހެޅުމެއް ގަބޫލު ނުކުރެއްވުމަށެވެ. މީގެ އިތުރުން ޤާސިމް ވަނީ، އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭންތެރޭގައިވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، މިސަރުކާރަކީ ރާއްޖޭގެ ކަނޑު ވިއްކާލައި، މިނިވަންކަން ދޫކޮށްލައި، ދައުލަތުގެ ފައިސާތައް "ޕަކަޅާކޮށްލާފައިވާ" ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.