މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ތަން ނޫންތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް، ރީ-ރެޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތު އާދީއްތަ ދުވަހު (މިއަދު)ގެ ހަވީރު 4:00އަށް ހަމަވާނެއެވެ. އަދި އިތުރުރު ފުރުސަތެއް ލިބުމަކީ، ނާދިރުކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާޢީލު ޙަބީބު ވިދާޅުވީ، "މިއަދުގެ ހަވީރު 4:00ގެ ކުރިން، ރީ-ރަޖިސްޓަރީ ކުރަން ހުށަނާޅައިފިނަމަ، ރިޔާސީ އިންތިހާބު 2023ގައި، ދެން އެފުރުސަތު ލިބުމަކީ ނާދިރުކަމެއް،" ކަމަށެވެ.

މީގެ އިތުރުން، "އެމީހަކު ވޯޓުލާން ރަޖިސްޓަރީ ވެފައިވަނީ ކޮންތަކަށްތޯ މިހާރުން މިހާރަށްވެސް، ޗެކް ކުރުމަކީ ވަރަށް މުހިންމު ކަމެއް،" ކަމަށާއި، "އިތުރު މައުލޫމާތު 1414 އިން ލިބޭނެ." ކަމަށް އޭނާ ވިދާޅުވިއެވެ. 

ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ފެށިގެން އާދީއްތަ ދުވަހުގެ 4:00އާ ހަމައަށް ހުޅުވާލި ރީ-ރެޖިސްޓްރޭޝަން ފުރުސަތުގައި، މިހާތަނަށް ވަނީ ޖުމްލަ 25493 ފަރާތަކުން ފޯމު ހުށަހަޅައިފައެވެ. 

ރިޔާސީ އިންތިޚާބުގެ ދެވަަނަ ބުރުގެ ވޯޓުލުން އޮންނާނީ، ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.