މިހިނގާ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަ ބާއްވާން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ފުރަތަމަ ބުރުގައި ވޯޓުލީ ތަން ނޫންތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ފެށިގެން އާދީއްތަ ދުވަހުގެ 4:00އާ ހަމައަށް ހުޅުވާލި ފުރުސަތުގައި، މިހާތަނަށް ޖުމްލަ 25493 ފަރާތަކުން ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ތަރުޖަމާނު އަދި ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، "ދެވަނަބުރުގެ ރީ-ރެޖިސްޓްރޭޝަން، ފުރަތަމަ ދުވަހު 9206 މީހުން ރީ-ރަޖިސްޓަރީ ކުރަން ފޯމު ހުށަހެޅިއިރު، ދެވަނަ ދުވަހު 16287،" ފޯމު ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކަމަށެވެ. އެއީ ޖުމުލަ 25493 ފޯމެވެ.
ހަބީބު ވިދާޅުވީ، މިހާތަނަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި އޮންލައިންކޮށް ފޯމު ހުށަހެޅި މީހުންގެ އަދަދަކީ 18349 ކަމަށެވެ. އެއީ "އޮންލައިންކޮށް ފުރަތަމަ ދުވަހު 7267، ދެވަނަ ދުވަހު 11082،" ކަމަށެވެ.
ރީ-ރެޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ މީހުންގެ ތެރޭން، މިހާތަނަށް ދެވަނަބުރުގައި، 10271 މީހުން ރީ-ރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށާއި، އެކިއެކި ސަބަބުތަކާ ހުރެ، މިހާތަނަށް 1546 ފޯމު ރިޖެކްޓް ވެފައިވާކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
"ފޯމުތައް ރިޖެކްޓް ވަނީ، ހުށަހަޅަންޖެހޭ ހުރިހާ މަޢުލޫމާތު ފުރިހަމަ ނުވާތީ. އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން، ޕެންޑިންގ ކަމަށް ދައްކަނީ، އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާ މުޅިން ނުނިމޭތީ،" އޭނާ ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ، "ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް، ރީ-ރަޖިސްޓަރީ ކުރެވުނުކަމުގެ މެސެޖް ލިބޭނެ،" ކަމަށެވެ.
މީގެ އިތުރުން "މިއަދުގެ ހަވީރު 4:00 ގެ ކުރިން، ރީ-ރަޖިސްޓަރީ ކުރަން ހުށަނާޅައިފިނަމަ، ރިޔާސީ އިންތިހާބު 2023 ގައި، ދެން އެފުރުސަތު ލިބުމަކީ ނާދިރުކަމެއް،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.