ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު، ދެވަނަ ބުރުގައި އަނބުރާން ޖެހޭ ވޯޓު ވަރަށް ގިނަ ކަމަށާއި، އެހެންކަމުން އެމިނިކުފާނު އަމިއްލަފުޅަށް ބަލި ގަބޫލުކުރެއްވުން މިވަގުތު ރާއްޖެއަށް ވަރަށް މުޙިއްމުކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެކުރީގެ ލީޑަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު މިއަދު ވިދާޅުވީ، "އެމްޑީޕީ ގާތުގައި މިހާރު ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ބުނެވިއްޖެ، އަދި އަޅުގަނޑުމެން ތަކުރާރު ކުރާނަންވެސްމެ، ރައީސް ޞާލީހު މިވަގުތު ދެން އެބޭފުޅާއަށް މޮޅު ނުވެވޭނޭކަން ގަބޫލުކުރެއްވުން އެއީ ދިވެހިރާއްޖެއަށް ވަރަށް ބޭނުންތެރިކަމެއް، ރާއްޖެއަށް ވަރަށް މުޙިއްމު ކަމެއް، އެނގިވަޑައިގަންނަވާނެ އަނބުރާން ޖެހޭ ވޯޓު ވަރަށް ގިނަ، ފަރަގު ވަރަށް ބޮޑު، އެހެންވީމާ އެއީ މުސްތަހިއްލު ކަމެއް. ނާދިރުކަމަކަށްވުރެވެސް ބޮޑު،" ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ، ބަލި ގަބޫލުފުޅުކުރައްވާނަމަ، މިހާރު ރައީސް ޞާލިޙަށްވެސް އެންމެ ރަނގަޅު އަދި އެންމެ މުޙިއްމު ކަމަކަށް ވާންވީ، ގާނޫނުއަސާސީއަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތްކުރުން ކަމަށެވެ. 

"އެއީ މިދަންނަވާހެން ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން، ގޮތެއް ނިންމުން. އަދި އެހެންވެސް ގާނޫނުއަސާސީއަށް ކޮންމެހެން ގެންނާން ޖެހޭ ބަދަލުތައް ގެނައުން،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި، ރަނިންގމޭޓް ހުސެއިން ޢަމްރޫ -- ފޮޓޯ: ދަ ޑިމޮކްރެޓްސް

 

އެމަނިކުފާނު ވިދާޅުވީ، "ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް އިންތިހާއަށް އޮވެ، ރައީސުލްޖުމްހޫރިއްޔާގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ކަންކަން ހިންގަވަމުން ގެންދަވާ ގޮތްތަކަށް ހިންގެވީމާ ބަހެއް ބުނުމުގެ ފުރުސަތު މިލިބެނީ 5 އަހަރުވީމާ ވޯޓުން،" ކަމަށެވެ. 

" އެބަސް ރައްޔިތުން އަބަދުވެސް އެބަ ބުނޭ. ސަރުކާރާ ގުޅޭގޮތުން ވަރަށް ސާފުކޮށް ބުނާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންބުނަމުން އެއަންނަ ބަހަކީ، މަޖިލީހުގައި ވެސް ކޮންމެ ދުހުކުވެސް، މިކަން ސާފުވަމުން ސާފުވަމުން ދާނޭ، އިންތިޒާމެއް ނިޒާމެއް، އެ ރައްޔިތުން ބޭނުންވާކަމަށް،" ގާނޫނުހަދާ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.  

ރައީސް ނަޝީދު ވަނީ، މިމަހު 25ގެ ކުރީން ނިޒާމީ ވޯޓުގެ މައްސަލައިގައި ގޮތެއް ނިންމުމަށް، ކުރީގެ ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް، އާދީއްތަ ދުވަހުގެ ވަގުތެއްގައި މާފުށީ ޖަލަށް ޒިޔާރަތްކުރާން ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. 

އެމްޑީޕީއަށް ވެސް ވަގުތު ދެވޭނީ، ވަކި ވަރަކަށްކަން އަދި ޑެޑްލައިނެއް ހަމަޖައްސާނޭކަން ހާމަކުރައްވައި، އެމަނިކުފާނު އިތުރަށް ވިދާޅުވީ، "ހަމައެއާއެކު އެމްޑީޕީއަށް ވެސް އަޅުގަނޑު ހިތުން ސާފުވާނެ، އަބަދު އަޅުގަނޑުމެންނަށް މަޑުކޮށްގެން ނުތިބެވޭނޭ، އެބޭފުޅުން ގޮތެއް ނިންމަވާންދެން. އެހެންވީމާ މިސާލަކަށް މާދަމާ ނުވަތަ އޭގެ އަނެއް ދުވަހުން، އަޅުގަނޑުމެން އެބަ ނިންމާން ޖެހޭ، ޕީޕީއެމުން އެބުނާ ފަދައިން ޝަރުތަކާ ލައިގެން ނަމަވެސް ނުވަތަ ނުލާނަމަވެސް ކޮންމެވެސް ގޮތަކަށް ވިޔަސް އަޅުގަނޑުމެން ގޮތެއް ނިންމާންޖެހޭ،" ކަމަށެވެ.