ދަ ޑިމޮކްރެޓްސްގެ ފަރާތުން ނެގުމަށް މަސައްކަތްކުރަމުން އަންނަ، ވެރިކަމުގެ ނިޒާމާގުޅޭ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާ ގުޅޭގޮތުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ މަޝްވަރާކުރެއްވުމަށް، ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީޙުގެ ރައީސް މުޙައްމަދު ނަޝީދު މާފުށީ ޖަލަށް ޒިޔާރަތްކުރައްވާން ނިންމަވައިފިއެވެ. 

ޤައުމީ ދުވަހުގެ ހެޔޮ އެދުންތައް ރައްޔިތުންނާ ހިއްސާކުރައްވަމުން، ރައީސް ނަޝީދު ވިދާޅުވީ، "އަޅުގަނޑުމެން މިއަދު ހުއްޓި މިތިބީ ފަސޭހަ ހަތަރު އަނގޮޅިއެއްގެ ކަންމައްޗެއްގައެއް ނޫން،" ކަމަށާއި، "އަބަދުވެސް ހިތަށް ވަދޭ ގައުމެއްގެ ހަޔާތުގައި އަންނާނެ ދަނޑިވަޅުތަކެއް، ހިނދުކޮޅުތަކެއް،" ވާކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ، ދެވަނަ ބުރުގައި ގުޅިގެން ކުރިއަށްދާން ޕީޕީއެމް/ޕީއެންސީއާއެކު ދަ ޑިމޮކްރެޓްސްއިން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި، ނަމަވެސް އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރާން ޕީޕީއެމުން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް، ބަޔަކާއެކު މަސައްކަތްތަކެއް ކުރާއިރު، އެއްބަސްވެފައިވަނީ ކޮންގޮތަކަށްތޯ ބަލާން އާންމު މެންބަރުން ބޭނުންވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ރައްޔިތުން މިވަގުތު މިތިބީ ވަރަށް ބޮޑު ނިންމުމެއް ނިންމާން ޖެހިފައި ކަމަށާއި، މިއީ އެކަމަށް އެންމެ ރަނގަޅު ދަނޑިވަޅުކަމަށް ވެދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުން ވޯޓުލަމުން މިއަންނަނީ، މީގެ 15 އަހަރުކުރީން އެބައިމީހުން ބަލައިގެންފައިވާ ޤާނޫނުއަސާސީއާ އެއްގޮތަށް ކަމަށާއި، އެހެން ނަމަވެސް ސަރުކާރު އުފައްދަމުން އަންނަނީ ޤާނޫނުއަސާސީގައި އޮތްގޮތަކަށް ނޫންކަމަށެވެ. އެގޮތުން، އިއްތިހާދަކީ ގާނޫނުއަސާސީ ދަންނަ އެއްޗެއް ނޫން ކަމަށާއި ނަމަވެސް، މިހާރު މިއޮތް ގޮތުން ކޮންމެ ފަހަރަކުވެސް މިޖެހެނީ، ދެވަނަ ބުރެއްގައި އިއްތިހާދުވާން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"ފުރަތަމަ ބުރު ނިމުނު އިރު އެއްވެސް ކެންޑިޑޭޓަކަށް، އެއްވެސް ޕާޓީއަކަށް އަޢުލަބިއްޔަތު ނުލިބުނު." ކަމަށާއި، އަދި ވޭތުވެދިޔަ އިންތިޚާބުތަކުގައި ވެސް ކަން ހިނގާފައި ވަނީ އެ މޭރުމުންކަން ނަޝީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން ޕާޓީތަކަށް އަދި ކެންޑިޑޭޓުންނަށް މަޖުބޫރުވަނީ، އިއްތިހާދެއް އުފައްދާން ކަމަށާއި ނަމަވެސް އިއްތިޚާދަކީ، ގާނޫނުއަސާސީއާ ބީރައްޓެހި، ގާނޫނުއަސާސީ ނުދަންނަ އެއްޗެއް ކަމަށްވެސް ކުރީގެ ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ކުރިއަށް ދާން ޖެހެނީ އިއްތިހާދެއްގެ ތެރޭން ކަމަށާއި، އެ އިއްތިހާދު ރޫޅުނީމަ ވާގޮތާއި އެއާ އެއްގޮތަށް އަމަލު ނުކުރީމަ ވާނޭގޮތެއް ގާނޫނުއަސާސީގައި އެއްގޮތަކަށްވެސް ލިޔެފައި ނެތްކަމަށް ގާނޫނުހަދާ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. 

"ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެންނައިރު، ރައީސް ޔާމީނާވެސް މިކަމުގައި މަޝްވަރާކުރުން ކޮންމެހެން ބޭނުންތެރި. އަޅުގަނޑު މަޖިލީހުގެ އަމީންއާންމު އަރިހުގައި ދަންނަވާފައި ވާނެ، މާދަމާ އަޅުގަނޑަށް މާފުއްޓަށް ދެވޭތޯ، މާފުއްޓަށް އަޅުގަނޑު ދިއުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވީ، "ރައީސް ޔާމީނުގެ އަރިހުގައި ދަންނަވާން ބޭނުންވަނީ، ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަވާން 25 ވަނަ ދުވަހުގެ ކުރީގައި އެ ވޯޓު ނެގުމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކަށް، އަދި އަޅުގަނޑުމެންނަށް އެހީތެރިވެދެވެން އޮތް ނަމަ، އެވާހަކަ،" ކަމަށެވެ.  

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަށްވެސް މިހާރު ހުށަހެޅުންތަކެއް ހުށަހަޅާފައި ވާކަަމަށާއި، އަދި ގޮތް ނިންމާން ޑިމޮކްރެޓުން ވަރަށް އަވަހަށް ޑެޑްލައިނެއް ކަނޑައާޅާނޭ ކަމަށެވެ. 

"ޕީޕީއެމުން އެބުނާ ފަދައިން ޝަރުތަކާ ލައިގެން ނަމަވެސް ނުވަތަ ނުލާނަމަވެސް ކޮންމެވެސް ގޮތަކަށް ވިޔަސް އަޅުގަނޑުމެން ގޮތެއް ނިންމާންޖެހޭ،" ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މާކަ ގިނަ ވަގުތެއް އެމްޑީޕީއަަށް ދެވެން ނެތްކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި އެމްޑީޕީއަށްވެސް ވަގުތުދޭން އަޅުގަނޑުމެން އެބަ ޖެހޭ ޑެޑްލައިނެއް ކަނޑައަޅާން. އަޅުގަނޑު ދެކޭ ގޮތުގައި ދެނެއް ނެތް ގިނަ ވަގުތު ދެވޭކަށް، ދެން އަޅުގަނޑު ގަބޫލުކުރަނީ ކައުންސިލުން މިކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރާނޭކަމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.