ސޯޝަލް މީޑިއާގައި ބޮޓު އެކައުންޓުތަކެއް ލައްވައި، "ޤާނޫނީ ސަރުކާރެއް ޣައިރުޤާނޫނީކޮށް ބަދަލުކޮށްލުމަށް" އުޅުނު ކަމަށްބުނެ ފުލުހުން މައްސަލައެއް ތަޙުޤީގުކުރާން ފަށާފައި ވަނިކޮށް، އެ ކުރި ބަޔަކު އެކަން ކުރީ ހަމަ ސީދާ ބަޣާވާތެއް ކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ. 

ހޯމަ ދުވަހުގެ ރޭ ޕީއެންސީގެ ރަސްމީ ޖަގަހައިގައި އެ ޕާޓިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑޮލަރާ ގުޅޭގޮތުން ޤައުމީ ބޭންކު، ބީއެމްއެލްއިން އިއްޔެ ނިންމި ބޮޑު ނިންމުމާ ގުޅުވައިގެން، އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރަން އުޅުނީ ސީދާ ބަޣާވާތެއް ކަމަށެވެ. އަދި ޑޮލަރުގެ މައްސަލައިގައި ބޭންކުގެ ނިންމުން އައީ ސީދާ އެމަނިކުފާނާ ދެކޮޅަށް ކަމަށްވެސްވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ، "މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ވިސްނާލީމާ ހުރިހާ ޑޮޓްތަކެއް ގުޅިގެންދާކަން އެނގޭނެ،" ކަމަށެވެ. އަދި  ވިދާޅުވީ، "މި ކުރި ކަންތައް މިއީ ހަމަ ޝިޔާމް ވެސް ފާހަގަކުރެއްވި ގޮތަށް، މި ވާނީ އެޓެމްޕްޑެޓް ކޫއަކަށް (ބަޣާވާތަކަށް)، އެ ކުރި ބަޔަކު ކުރީ" ކަމަށެވެ. 

ބޮޓު އެކައުންޓުތަކެއް ލައްވައި ސަރުކާރު ވައްޓާލަން އުޅުނު މައްސަލަ ފުލުހުން ތަޙުގީގުކުރާން ފަށާފައިވާއިރު، ރައީސް ވިދާޅުވީ،"މިއީ ރޭވިގެން ކުރި ކަމެއް. އެ ކުރި ގޮތެއް ބަލަން ފުލުހުން އެވަނީ ފަށާފައި، ފުލުހުން ކުރާނީ ޕްރޮފެޝަނަލް މަސައްކަތް. މި ސަރުކާރުން ފުލުހުންގެ އިދާރާއަކަށް އަދި ސިފައިންގެ އިދާރާއަކަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ،" ކަމަށެވެ.

އެހެންކަމުން ފުލުހުންގެ ތަޙުޤީގުން އެކަން ސާބިތު ކުރެވިއްޖެ ނަމަ، އެކަމުގެ އަޑީގައި ތިބިބައެއް ހޯދައި، އެބަޔަކަށް ޙައްޤު އަދަބު ދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ހޯމަ ދުވަހުގެ ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، "ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުނެއް ނިންމި ވަގުތަކާ ދިމާކޮށް" ސިޔާސީ ފަރާތްތަކުން ސަރުކާރު ވައްޓާލަން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށްފައެވެ.