ދައުލަތުގެ އެކި ދާއިރާތަކުގައި މަަސައްކަތްކުރާ ފާރަތްތަކުން ބޮޑު މުސާރަ ބޭނުންކަމަށް ވާނަމަ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދިނުމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ގޮވާލައްވައިފިއެވެ. 

ސަރުކާރު ކޯލިޝަންގެ ބައިވެރިޔާ، އަދާލަތު ޕާޓީގެ ރައީސް ވަނީ، "ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެނައުމަށް ރައީސް އިބޫ ސޯލިހު⁩ ހޮއްވަވައި ދެއްވާ."ށޭ ވިދާޅުވެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. 

"މުސާރަ ބޮޑުވާނީ ރައީސް އިބޫ ހޮވިގެން" ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲ

ރައީސް އިބްރާޙީމްވެސް ވަނީ، އަންނަ ޖެނުއަރީ މަހުން ފެށިގެން، ސިފައިންނާއި، ފުލުހުންނާއި، ކަސްޓަމާއި، ކަރެކްޝަނާއި، ސިވިލްސަރވިހާއި، އިމިގްރޭޝަންގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށްވެސް މަދުވެގެން 40 އިންސައްތަ މުސާރަ ބޮޑުކުރާން ނިންމާފައިވާ ކަމަށެވެ. 

ފަސް އަހަރުގެ ވެރިކަމުގެ ދައުރެއްގެ އެންމެ ފަހު ދުވަސްކޮޅު ގުނުއްވަމުންދާ ވަގުތެއްގައި މިފަދަ ބޮޑެތި ވަޢުދުތަކެއް ވެވަޑައިގެންނެވި ނަމަވެސް، ފާހަގަކޮށްލާން ޖެހޭ ކަމަކީ، އެންމެ ފަހުން ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރިއިރުވެސް، ކަނޑައަޅާފައިވާ އުސޫލުގެ ތެރޭން 40 އިންސައްތަ ބޮޑު މުސާރައަށް ޝަރުތު ހަމަވާ އެއްވެސް ފަރާތެއް ނެތްކަމަވެ. އަދި މުސާރަ ބޮޑުކުރި އެކި ދާއިރާގެ މުވައްޒަފުން އަދި އަދަށްދާންދެންވެސް އެވާހަކަ ދައްކަމުން ދާކަމެވެ.

ވޯޓު ހޯދުމުގެ މަޤުޞަދުގައި ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ ވާހަކަ ދައްކާއިރު، މިހާރުވެސް ދުނިޔޭގެ މާލީ އިދާރާތަކުން ދަނީ، 110 ބިލިއަން ރުފިޔާގެ ބިޔަ ބޮޑު ދަރަންޏާއެކު ބަނގުރޫޓުވާން ކައިރިވެފައިވާ ދިވެހި ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ވަޒީފާތަކާއި ބޭކާރު ޚަރަދުތައް މަދުކޮށް، ދަރަނި ރީ-ސްޓްރަކްޗަރ ކުރުމަށް އިލްތިމާސްކޮށްފައެވެ. 

ރައީސް އިބްރާޙީމްގެ ސަރުކާރު ނޫން އެހެން ސަރުކާރެއް ކުރިއަށް އޮތްތަނުގައި އުފެދުނު ކަމުގައިވީ ނަމަވެސް، އެ ސަރުކާރަކަށްވެސް ޖެހޭނީ ބޮޑު މުސީބާތަކުން އަރައިގަތުމުގެ ބުރަ މަސައްކަތެއްކަމަށް މި ދާއިރާތަކުގެ ތަޖުރިބާކާރުން ދަނީ ކެނޑިނޭޅި ފާހަގަކުރައްވަމުންނެވެ. 

މީގެ އިތުރުން، ދައުލަތަށް ލިބޭ އާމްދަނީން ދެކޮޅުނުޖެހޭތީ މިހާރުވެސް މުސާރަ ދިނުމަށްޓަކައި ގިނަ ޢަދަދެއްގެ ފައިސާ ޗާޕްކުރަމުން ގެންދިއުމުގެ ނަތީޖާއަކީ، އިންފްލޭޝަނާއެކު މުދަލާއި ޚިދުމަތުގެ އަގު އިންތިހާއަށް އުފުލި ބޮޑުކުރާ މުސާރައިގެ ފައިދާ ރައްޔިތުންނަށް ނުލިބުމެވެ.