ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2023 ސެޕްޓެންބަރު 15 ވާ ހުކުރު ދުވަހުގެމެންދުރުފަހު 03:00 ން ފެށިގެން 2023 ސެޕްޓެންބަރު 17 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 04:00 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، "މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގައި  ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ރަށަކަށް ނުވަތަ  ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި" ކަމަށެވެ.

ރިޔާސީ އިންތިޚާބު 2023ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (http://elections.gov.mv) އިން ޗެކްކުރެވޭނެ ކަމަށާއި، މީގެއިތުރުން ((VR space http://ID.No Send to 1414އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެ ކަަމަށް އެ ކޮމިޝަނުން ބުނެއެވެ. 

އީސީން ބުނީ، "އޮންލައިންކޮށް ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ https://form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން،" ކަމަށެވެ.

މީގެ އިތުރުން "މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިން،" ރީ-ރަޖިސްޓަރީވުމަށް އެދޭ ފޯމު ލިބެން ހުންނާނޭ ކަމަށާއި އަދި "ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ" ކަމަށް އެ ކޮމިޝަނުން ބުނެއވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ ކެންޑިޑޭޓް ނަންބަރު 3 ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި، ކެންޑިޑޭޓް ނަންބަރު 4 ޑރ. މުޙައްމަދު މުޢިއްޒެވެ.