ސެޕްޓެމްބަރު 30 ވަނަ ދުވަހު ބާއްވާން ހަމަޖެހިފައިވާ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މުޅިން އަލަށް ވޯޓު ލުމުގެ ޙައްޤު ލިބޭ 408 ޒުވާނުން އެބަ ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

އީސީގެތަރުޖަމާނު އަދި ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، "ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ 282،395 މީހުންގެ އިތުރަށް، ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓަށް 2023 ސެޕްޓެމްބަރ 30 އަށް 18 އަހަރު ފުރޭ 196 އަންހެން، 212 ފިރިހެން، ޖުމްލަ 408 ޒުވާނުން އިތުރު ވެއްޖެ،" ކަމަށެވެ. 

 އެހެންކަމުން، މިހާރު ރިޔާސީ އިންތިޚާބު 2023ގައި ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ޖުމްލަ ޢަދަދަކީ 282،803އެވެ.

އޭނާ އިތުރަށް ވިދާޅުވީ، " އިތުރުވި ޒުވާނުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު ޢާންމުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފި،" ކަމަށެވެ.

އަލަށް ގެޒެޓްކުރި ވޯޓު ލުމުގެ ހައްގުލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން ސެޕްޓެމްބަރ 15 ން ސެޕްޓެމްބަރ 17 އަށް ހުޅުވާލާފައިވާކަމަށް ވެސް އިލެކްޝަނުން ބުނެއެވެ.