މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް 38 ޕަސެންޓް ވޯޓުވެސް ލިބުނީ، އެ ޕާޓީއާ ދާދި ފަހުން ގުޅުނު ރާއްޖޭގެ ސުޕަރ މޮޑެލް ފާޠިމަތު ޒަޔާން އިބްރާހިމް (ކައިޒީން) އެޕާޓީއާ ގުޅުމުންކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބަށް ކުޑަތަން ވެފައި ވަނިކޮށް، ރައީސް އިބްރާހީމްގެ ކެމްޕޭން ޓީމުން ވަނީ، ބޮޑެތި ޚަރަދުތަކެއް ކޮށްގެން ކައިޒީން ފަދަ ސޯޝަލް މީޑިއާގައި ނުފޫޒުގަދަ ފަރާތްތަކެއް އެ ޕާޓީއަށް ގެންގޮސްފައެވެ. އެގޮތުން ކައިޒީން ރައީސް އިބްރާހީމާ ގުޅުނީ، ވޯޓްލާން 4 ދުވަހަށް ވެފައި ވަނިކޮށެވެ. 

ރައީސް ނަޝީދު މިހެން ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވުމަށް ފަހު، ރައީސް އިބްރާހީމުގެ ސަރުކާރާ ދޭތެރޭ ހިތްހަމަ ނުޖެހިގެން ސަރުކާރުންނާއި އެމްޑީޕީންވެސް ވަކިވެ، މިހާރު ދަ ޑިމޮކްރެޓްސްގައި މަސައްކަތްކުރާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަޙްމަދު އަންވަރު (ސިމްވާރް) އޭނާގެ އެކްސްގައި "އެމްޑީޕީގެ ސައިޒު %29 އަށް ވައްޓާލާނަން!" ކަމަށް ބުނެ ކޮށްފައިވާ ޕޯސްޓަކަށް ޖަވާބުދެއްވަމުންނެވެ. ސިމްވާރު އެފަދަ ޕޯސްޓެއް ކޮށްފައި ވަނީ، އެމްޑީޕީގެ ޗެއަރޕަރސަން އަދި ސަރުކާރުގެ އިގްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް، ދަ ޑިމޮކްރެޓްސްގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނޭކަމަށް ވިދާޅުވުމުންނެވެ.

"އަޅުގަނޑަށް ހީވަނީ މިހާރުވެސް ހުރީ %29ގަ ހެން. ކައިޒީން ދުރުވިކަމުން 38 އަށް އެރީވެސް،" ރައީސް ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭ ހިމެނޭ ސަރުކާރުގެ ބިޔަ ކޯލިޝަނުން މިފަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުތީ މަދުވެގެން 57 ޕަސެންޓް ވޯޓާއެކު ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބުކޮށް، ރައީސް އިބްރާހީމަށް 5 އަހަރުގެ އިތުރު ދައުރެއް ކަށަވަރުކުރާނޭކަމުގެ 100 އިންސައްތަ ޔަގީންކަމާއެކު އެވެ. ނަމަވެސް ސަރުކާރު ކޯލިޝަނުން ޖެހި ހިސާބާ ދިމާ ދެކޮޅަށް ނަތީޖާ ނުކުތީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް، ލައްކައަކަށް ވުރެ ގިނަރައްޔިތުންގެ ތާޢީދާއެކު 46 އިންސައްތަ، އަދި ރައީސް އިބްރާހީމަށް 39 އިންސަތަ ލިބިގެންނެވެ.