މިފަހަރު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ފެށުމާއެކު ގިނަ ބަޔަކު ކުރި އެއް ޝަކުވާއަކީ ވޯޓުގެ ސިއްރުކަން ނެތްވާހަކައެވެ. ވޯޓުލާން ހުންނައިރު، ދުރުގައި ތިބޭމީހުންނަށް ކެމެރާ ފަދަ ތަކެތި ބޭނުންކޮށްގެން "ޒޫމް"ކޮށްލާފައި ވޯޓު ބަލައިލެވޭ ވާހަކައެވެ. އަދި އެފަދަ މަންޒަރުތައް ވީޑިއޯކޮށް ފޮޓޯ ނަގާފައި މީސްމީޑިއާގައި ގިނަ ބަޔަކު ދައުރުކޮށްވެސް ހެދިއެވެ. އަދި މިކަމުގެ ގިނަ ޝަކުވާތަކެއްވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިކަމަށް ވެއެވެ. އަދި ވޯޓުލާ މަރުކަޒުގައި ތިބި އިލެކްޝަންސްގެ އޮފިޝަލުންވެސް ފަހުން މިކަން ގަބޫލުވެސްކުރިއެވެ. 

މި ލެވުނު ވޯޓު ސިއްރުތަ؟ ގިނަ ބަޔަކު ކަންބޮޑުވުމެއްގެ ތެރޭގައި!

މިފަހަރުގެ ރިޔާސީ އިންތިޚާބަށް، އިލެކްޝަންސް ކޮމިޝަނުން ވޯޓިންގ ބޫތުތައް ބަހައްޓާފައި ހުރީ، ވަރަށް ޓްރާންސްޕޭރަންޓްކޮށް "ދެފުށް ފެންނަގޮތަށް" ކަމަށް އެ ކޮމިޝަނުން ވަނީ ދުރާލައި ޢިއުލާނުވެސް ކޮށްފައެވެ. އެގޮތުން، ވޯޓިންގ ބޫތު ހުންނާނީ، ވޯޓުލާން އަންނަ މީހާ  ވޯޓިންގ ބޫތުގައި ހުންނައިރު، އޮފިޝަލުންނާއި، އޮބްޒާވަރުންނަށް ވޯޓުލާން އަންނަ މީހާ ފުރަގަހުން ފެންނަ ގޮތަށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. މިގޮތަށް ވޯޓުލާ މީހާ ފުރަގަސް ދީގެން، މޮނިޓަރުންނާ އޮބްޒާވަރުންނަށް އެމީހާގެ ހަރަކާތްތައް އެނގޭގޮތަށް، ހަދާފައި ވަނީ، ވޯޓުކަރުދާސް އޮޅުވާލުމާއި، އަދި ރަސްމީ ވޯޓުކަރުދާސްކޮޅު ނޫން އެހެން ކަރުދާސްކޮޅެއްގައި (އަމިއްލައަށް ގެންދާ ކަރުދާސް) ވޯޓުލާފައި ވޯޓުފޮށްޓަށް ލުމުގެ ފުރުސަތު ނުދިނުމަށެވެ. ނުވަތަ ހަނިކުރުމަށެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމުލަ 8 ކެންޑިޑޭޓަކު ވާދަކުރުމުން، ވޯޓު ކަރުދާހުގެ ސައިޒުވެސް ފުދޭވަރަކަށް ބޮޑެވެ. އެހެންކަމުން ވޯޓު ލުމުގެ ހައްގު ލިބިފައިވާ 282,395 މީހުން ތިބިއިިރު މީގެ ތެރޭން ބޮޑު އިންސައްތައެއް ވޯޓު ލާފައިވާނީ، މި ސިއްރު ނުހިފެހެއްޓޭ ތަރުތީބުގެ ނުތަނަވަސްކަމުގެ ތެރޭގައެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ. ޤައުމީ އަދި ފަރުދީ ވާޖިބެއް އަދާކުރުމަށް އެޅުނު ހުރަހެކެވެ.

ނަމަވެސް، ވޯޓިންގ ބޫތު ތަންކޮޅެއް ފުޅާ ވުމުގެ ސަބަބުންނާއި، އަދި މަތިން ފެންނަ ފަދަ ގޮތަކަށް ހުރުމާއި، އެނޫސްވެސް ސަބަބުތަކަކާ ހުރެ، ބަޔަކު ވަނީ އޭގެ ނާޖާއިޒު ފައިދާ ނަގައިފައެވެ. އަދި ގިނަ ބައެއްގެ ވޯޓުގެ ސިއްރުކަމާ މެދު އެފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން މިފަހަރު މިކަމަށް އިސްލާހެއް ގެންނާނޭކަމަށް ބެލެވެއެވެ. 

ރައީސް އިބްރާހީމްގެ އަނބިކަނބަލުން މެޑަމް ފަޒްނާ ވޯޓް ލައްވަނީ-- ފޮޓޯ: ރައީސް އޮފީސް

 

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް. އަދި ތަރުޖަމާނު އިސްމާޢީލް ޙަބީބު ވިދާޅުވީ "ރިޔާސީ އިންތިހާބު 2023ގެ ވޯޓުލީ ދުވަހު ކަން ހިނގައިދިޔަ ގޮތާއި، ފާހަގަކުރެވުނު ކަންތައްތަކާއި، ރަނގަޅު ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން، ރިޔާސީ އިންތިހާބުގެ އިލެކްޝަން ކޯޑިނޭޓަރުންނާއެކު، އިލެކްޝަންސް ކޮމިޝަނުން ޑީ ބްރީފިން ސެޝަނެއް، މިއަދު އިންތިޚާބާ ބެހޭ މަރުކަޒު، ދަރުބާރުގޭ ގައި، ބާއްވައިފި،" ކަމަށެވެ. އަދި ހަމަ އެހެންމެ "ކޯޑިނޭޓަރުން ދެއްވި މަޢުލޫމާތުގެ އަލީގައި، ދެވަނަބުރުގެ ވޯޓުލުން އޮންނަ ދުވަހު ރަނގަޅުކުރަންޖެހޭ ކަންކަމާ،" ބެހޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ހެޑް ކޯޑިނޭޓަރުން މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. 

"ދެވަނަބުރުގެ ވޯޓުލުން އޮންނަ ދުވަހު ރަނގަޅުކުރަންޖެހޭ ކަންކަމާއި، ޢާންމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ކަންތައްތަކާއި، ބޫތުތަކަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން،" އިލެކްޝަންސް ކޮމިޝަންގެ ހެޑް ކޯޑިނޭޓަރުން މަޝްވަރާކުރައްވަމުން އެބަ ގެންދަވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. 

އިންތިޚާބުގައި މީގެ އިތުރުންވެސް ރަނގަޅުކުރާން ޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެއެވެ. އަދި އެކަންކަން ރަނގަޅުކުރާނޭކަމަށް އިލެކްޝަނުން ބުނެއެވެ. 

ރިޔާސީ އިންތިހާބުގެ އިލެކްޝަން ކޯޑިނޭޓަރުންނާއެކު، އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޑީ ބްރީފިން ސެޝަނެއް-- ފޮޓޯ: އިލެކްޝަންސް

 

އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ވާގޮތުން، ވޯޓުކަރުދާސް އަދި ޓެމްޕްލޭޓް ދޫކުރުމުން، ވޯޓުލާން ހާޒިރުވެހުރި މީހާ ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ވޯޓިންގ ބޫތަށް ދާ ވަގުތުން ފެށިގެން ވޯޓުކަރުދާހުގައި ފާހަގަޖަހައި ވޯޓުފޮށްޓަށް އެ ވޯޓުކަރުދާސްކޮޅު ވައްޓާލަންދެން އިލެކްޝަންސް ކޮމިޝަންގެ އެއްވެސް އޮފިޝަލަކު ނުވަތަ އެނޫންވެސް ފަރާތަކުން އެތަނުގައި ހާޒިރުވެހުރެގެން ނުވާނެކަމަށެވެ. އަދި އެފަރާތުގެ ވޯޓުގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނޭކަމަށް ވަރަށް ސާފުކޮށް ބުނެފައިވެއެވެ. 

ވޯޓަކީ ސިއްރު ހިފަހައްޓާން ޖެހޭ އެއްޗެކެވެ. ގާނޫނީ ގޮތުން އެޒިންމާ މަތިކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނާއެވެ. އަދި ހަމަ އެހެންމެ ވޯޓުލާ މީހާވެސް ވޯޓުގެ ސިއްރުކަން ހިފަހައްޓާން ޖެހެއެވެ. އެހެންކަމުން ފުރަތަމަ ބުރުގެ ތަޖްރިބާގައި ދެ ވަނަ ބުރަށް އިލެކްޝަނުން ތައްޔާރުވާނޭ ކަމަށް ބަލަމާ ހިނގާށެވެ.

ފުރަތަމަ ބުރުގެ ނަތީޖާ--

 

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ، ފުރަތަމަ ބުރުން 46 އިންސައްތަ ވޯޓާއެކު އެއްވަނަ ހޯއްދެވި، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް (ކެންޑިޑޭޓް ނަންބަރު 4) ޑރ. މުޙައްމަދު މުޢިއްޒާއި، ފުރަތަމަ ބުރުން ދެވަނަ ހޯއްދެވި، ސަރުކާރު ހިންގާ އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭ ހިމެނޭ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް (ކެންޑިޑޭޓް ނަންބަރު 3) ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ވޯޓުލުމަކީ ފަރުދީ ޒިންމާއެކެވެ. ޤައުމީ ވާޖިބެކެވެ. ތިމާ ގަބޫލުކުރާ ގޮތުގައި، ޤައުމުގެ ހުންގާނު ހަވާލުކުރާނީ ކާކާތޯ ވިސްނާލައި، އެކަން އަމިއްލައަށް ނިންމާން ލިބޭ ފުރުސަތެކެވެ. އެހެންކަމުން އެންމެންވެސް ވޯޓުލުމުގެ ހައްގު އަދާކުރާށެވެ. ވޯޓު ލާން ނުގޮސް، އެ ވާޖިބު އަދާނުކޮށް، ފަހުން ތިމާ ހިތްހަމަ ނުޖެހޭ ގޮތަށް ކަންކަން ހިނގާން ފެށުމުން، ވެރިމީހާއާ ދިމާއަށް އެއްޗެއް ބުނެލަން ހައްގެއްވެސް އޮންނާނީ އޭރުންތާއެވެ.