ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް މަސައްކަތްކުރާނީ، އެޕާޓީގެ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރެވޭނީ ކިހިނަކުންތޯ ބަލަން ކަމަށާއި، ކޯލިޝަނެއް ހެދިކަމުގައި ވީ ނަމަވެސް ސަރުކާރުން ބައި އެޅުމުގެ ވާހަކަ ދައްކާން ނުޖެހޭ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކޮށް، ވަރަށް ޅަފަތުގައި އޮތް ދަ ޑިމޮކްރެޓްސްއަށް ލިބުނީ 3 ވަނައެވެ. އެހެން ކަމުން ދެވަނަ ބުރުގައި އެޕާޓީން މަސައްކަތްކުރާނީ ކިހިނެއްތޯ މަޝްވަރާކުރުމަށް، ހައުސް އޮފް ޑިމޮކްރެޓްސްގައި އަންގާރަ ދުވަހު ބޭއްވި އެ ޕާޓީގެ އިންޓެރިމް ކައުންސިލްގެ ބައްދަލުވުމުގައި ވައްޑެ ވިދާޅުވީ، "އަޅުގަނޑުމެންނަށް ހަމަ ގައިމުވެސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދެއް ނުކުރެވޭނެ،" ކަމަށާއި މިހާރު "އިބޫ ނޫންގޮތެއް" އެބަ ފެންނަ ކަމަށެވެ.

އެހެންކަމުން ޕާޓީތަކާ މަޝްވަރާކުރާއިރު ކޮންމެހެން ސަރުކާރު ބައިއަޅާ ވާހަކަ ދައްކާން ނުޖެހޭ ކަމަށާއި، ޑިމޮކްރެޓުން އިސްކަން ދޭނީ އެޕާޓީގެ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރާން ކަމަށް އޭނާ ވިދާޅުވިއެވެ.

ސެޕްޓެމްބަރ 30ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓުން ކުރިއަށް ދާނީ ރައީސް އިބްރާހީމްގެ އެމްޑީޕީއާ އެކު ތޯ ނުވަތަ ޑރ. މުޙައްމަދު މުޢިއްޒުގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއެކުތޯ ނިންމާން ޑިމޮކްރެޓުން މިހާރު ވަނީ ވަގުތީ ކޮމިޓީއެއް އެކުލަވައިފާފައެވެ.