ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމަށް ބުނެ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ 54 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި މައްސަލަ އަނބުރާ ނެގުމަށް، ސޮއި ގެންދެވީ މަސްލަތަށްޓަކައި ކަމަށާއި، ނަމަވެސް މަލާމާތާ ފުރައްސާރަކުރާ ކަމަށް ވަނީ ނަމަ، އަނެކާވެސް އިތުބާރު ނުކުރައްވާނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީގެ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައި، މަޖިލީސް ހުއްޓުވި އެމްޑީޕީގެ މެންބަރުން އެ މެންބަރުންގެ ދާއިރާތަކުގެ ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭ ކަމަށާއި، އަދި މަޖިލީހުގެ ރައީސް ދައްކަވާ ވާހަކަފުޅުތައް ފަހުމްވުމުގައި އެމްޑީޕީގެ މެންބަރުންނަށް މައްސަލަތަކެއް ހުރިކަމަށް ވިދާޅުވުމުންނެވެ.

އެއާއެކު މަވޯޓާ ނިޒާމީ ނުކުތާއެއް ނަންގަވާފައި ވިދާޅުވީ، " އަޅުގަނޑުމެންގެ ބޮލުގައި އިލްޒާމު އަޅުވާއިރު އަޅުގަނޑުމެންގެ ހަމަ އިތުބާރު ނެތިގެން ރައީސް އަޅުގަނޑުމެން އިތުބާރު ނެތްކަމަށް ސޮއިކޮށްފައި ހުށަހެޅީ. އެހެން ނަމަވެސް އޭގެ ނާޖާއިޒު ފައިދާ ނަގައި، ސުލްހަވެރިކޮށް ކަންތައް ކުރާން ދިމާކުރީމާ މަލާމާތާ ފުރައްސާރައާ ޖެއްސުމާ ކުރާން ފެށީމާ އަޅުގަނޑުގެ އިތުބާރު ހަމަ ނެތް،" ކަމަށެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ، "އިއްޒަތްތެރި މެންބަރު އަޅުގަނޑަށް ވަރަށް ބޮޑަށް އޮޅިއްޖެ. އިއްޔެގެ އިއްޒަތްތެރި މެންބަރު އިތުބާރު އޮތްކަމަށް ވިދާޅުވެ، ސޮއި އަނބުރާ ގެންދެވީ. އެހެންވީމާ މިހާރު ތީ ނިޒާމީ ނުކުތާއަކަށް ބަލައިގަނެވެން ހަމަ އެއްގޮތަކަށް ވެސް ނެތް،" ކަމަށެވެ.

އެއަށް ފަހު އިމްތިޔާޒުގެ ވާހަކަފުޅުގައި ވިދާޅުވީ، ފެނިގެން މިދަނީ ސަރުކާރުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ކަންކަން ސީރިއަސްކޮށް ނުނަންގަވާ މަންޒަރު ކަމަށާއި، ފެނިގެން ދިޔައީ ތިމާމެންގެ ފެންވަރު އޮޅި ބޮޑާވުމުގެ ނަތީޖާ ކަމަށެވެ.