ސެޕްޓެމްބަރު 30 ވަނަ ދުވަހު ބާއްވާ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށްޓަކައި ދޭ ވަގުތު ހެނދުނު 8:00 ން ހަވީރު 5:00އަށް އިތުރުކޮށްފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން މިއަދު ނޫސްވެރީންނަށް މައުލޫމާތު ދެއްމުން، އެ ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާޢީލް ޙަބީބު ވިދާޅުވީ، ކޮމިޝަނުން މިގޮތަށް ނިންމީ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރުކުރުމަށްޓަކައި ކަމަށެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 282,395 މީހުން ތިބިިއިރު އޭގެ ތެރޭން ވޯޓުގައި ބައިވެރިވީ، 225,486 މީހުންނެވެ. ވޯޓު ނުލާ މީހުންގެ އަދަދަކީ 56,909އެވެ. ވޯޓުލީ މީހުންގެ އިންސައްތައަކީ 79އެވެ. އެހެންކަމުން ނިސްބަތުން މިއީ އެންމެ މަދުން ވޯޓުގައި މީހުން ބައިވެރިވީ ރިޔާސީ އިންތިޚާބެވެ. 

އީސީން ވަނީ، ފުރަތަމަ ބުރުގައި ވޯޓުލީތަން ނުވަތަ، އެމީހަކު ދިރިއުޅޭ ތަން ނޫން އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް އަލުން ރެޖިސްޓްރީ ވުމަށް، މިމަހުގެ 16 ވާ ހޮނިހިރު ދުވަހާއި 17 ވާ އާދީއްތަ ދުވަހު ފުރުސަތު ހުޅުވައިލާން ނިންމައިފައެވެ. 

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ، ފުރަތަމަ ބުރުން 39 އިންސައްތައާއެކު ދެވަނަ ހޯއްދެވި ސަރުކާރު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް (ކެންޑިޑޭޓް ނަންބަރު 3)އާއި 46 އިންސައްތައާއެކު ފުރަތަމަ ބުރުން އެއްވަނަ ހޯއްދެވި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު (ކެންޑިޑޭޓް ނަންބަރު 4)އެވެ.