ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމާ ދޭތެރޭ ރައްޔިތުން ދެކޭގޮތް ބެލުމަކީ މިވަގުތު ވަރަށް މުޙިއްމު ކަމެއް ކަމަށާއި، އެގޮތުން ރައްޔިތުން ބޭނުންވަނީ، ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބަލައި ރާއްޖޭގެ މުސްތަގުބަލަށް އެންމެ ފަހިގޮތް ހޯދުމަށް މިފަހަރު ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މަޖްލިސް މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި އިލްޔާސް ވިދާޅުވީ، މިހާރު ރާއްޖޭގައި އަމަލުކުރަމުންދާ "ފެހި ގާނޫނުއަސާސީ ތަސްދީގުކުރެވުނީ 2008 ވަނަ އަހަރު. 2008 ވަނަ އަހަރުގެ ފަހުން މި ގާނޫނުއަސާސީގެ ދަށުން ބޭއްވުނު ކޮންމެ ރިޔާސީ އިންތިޚާބަކަށް ބެލިކަމުގައިވީ ނަމަވެސް، އެއީ 2008، 2013، 2018 އަދި މި 2023. ކޮންމެ އިންތިޚާބެއް މި ބާއްވަނީ ވެރިކަމުގަ ހުންނަ މީހަކު ވެރިކަމުން ބޭލުމަށްޓަކައި، ވެރިކަން ބަދަލުކުރުމަށްޓަކައި،" ކަމަށެވެ.

އިލްޔާސް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ނިޒާމް މިހާރު ބައްޓަންވެފައިވާ ގޮތުން، ރިޔާސީ އިންތިޚާބަކާ ކުރިމަތީލާއިރު، "ކޮންމެވެސް ބަޔަކު ސިޔާސީގޮތުން ބަންދުގައި" އެބަ ބައިތިއްބާ ކަމަށެވެ. 

އެހެންކަމުން ރައްޔިތުން ވެރިޔަކު ހޮވުމަށް ވޯޓު ލުމުގެ ބަދަލުގައި، މަސައްކަތްކުރާން ޖެހެނީ އެ ބޭފުޅުން މިނިވަންކުރުމަށް ކަމަށާއި، "ރައްޔިތުންގެ ބޭނުން ހާސިލްކުރުމަށްވުރެ ބޮޑަށް" ކޮންމެ އިންތިޚާބެއްގައި ވެސް އުޅޭން މިޖެހޭނީ ކޮންމެވެސް އެހެންކަމެއް ހާސިލްކުރުމަށް ކަމަށެވެ. 

އިލްޔާސް ވިދާޅުވީ، ރިޔާސީ އިންތިޚާބެއްގައި މިހާތަނަށް "ފުރަތަމަ ބުރުން އެއް ސިންގަލް ޕާޓީއެއް ނުކުމެ ވެރިކަން ކާމިޔާބެއް ނުކުރެވޭ،" ކަމަށެވެ. އަދި "އެހެންކަމުން ރައްޔިތުން މި ނިޒާމާ ދޭތެރޭ ދެކެނީ ކީކޭތޯ ރައްޔިތުންކައިރީ އަހާލަން އެބަ ޖެހޭ." ކަމަށެވެ. 

"ރިޔާސީ އިންތިޚާބެއް ގައި ދެބުރަށް ވޯޓުލާން އެބަޖެހޭ. ނޫނީ ކޮންމެވެސް ބޭފުޅުންތަކެއް މިނިވަންކުރުމަށް ވޯޓުލާން މިޖެހެނީ. ނޫނިއްޔާ އޭރަކު ސަރުކާރުގައި ހުންނަ ވެރިޔަކު ކަމުނުގޮސްގެން އޭނަ ބޭރުކުރުމަށް ވޯޓުމިލަނީ،" އޭނާ ވިދާޅުވިއެވެ. 

"އެހެންވީމާ ރައްޔިތުން ކައިރިން ސާފުކޮށްލަން އެބަ ޖެހޭ މިއީ ރަނގަޅުގޮތެއްތޯ ނޫންތޯ. ކޮބައިތޯ ރަނގަޅު ގޮތަކީ. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި މިވަގުތު އަޅުގަނޑުމެން ރައްޔިތުންނަށް ހަމައަށް ފެންނަ ނުފެންނަ ވޯޓެއް ގެންގޮސްދިނުމަކީ މުޙިއްމުކަމެއް،" އިލްޔާސް ފާހަގަކުރެއްވިއެވެ. 

އަދި މީގެ އިތުރުން، "އެކަމުގައި އަޅުގަނޑުމެން އެންމެން ވެސް މަސައްކަތްކުރުމަކީ މުޙިއްމުކަމެއް ކަމުގައި އަޅުގަނޑު ދެކެން. ރައްޔިތުން ނިންމާ ގޮތެއްގެ މަތީން ކުރިއަށް ދިއުމަކީ މުޅި ރާއްޖޭގެ މުސްތަގުބަލަށް ފަހި ރަނގަޅު ގޮތްކަމުގައި އަޅުގަނޑަށް ފާހަގަކުރެވޭ،" ކަމަށްވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް އިންތިޚާބުގެ 3 ވަނަ ހޯއްދެވި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ވިދާޅުވިއެވެ.