ރައީސް އިބްރާހީމް މުޙައްމަދު ސާލިޙަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައި ދިނުމަށް، އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާ ގުޅެން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދަ ޑިމޮކްރެޓްސްއަށް ގޮވާލުމުން، އެކަން އެގޮތަށް ކުރެވެން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ކުރީގެ ލީޑަރު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު މީގެ ކުރީންވެސް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ، އެމްޑީޕީ ރޫޅާލައްވާނޭ ކަމަށާއި، އަދި ރައީސް އިބްރާހީމް ވެރިކަމުން ބާލާނީވެސް އެމަނިކުފާނު ކަމަށާއި، އިންތިޚާބުގެ ދެވަނަ ބުރެއްގައި ވެސް އެމްޑީޕީއާ ނުގުޅޭނޭ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި ކާށިދޫ ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ޖާބިރު ވަނީ، މިއީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން އަނިޔާވެރިކަމަށް ނޫނެކޭ ބުނާންވީ ވަގުތުކަމަށް ވިދާޅުވެފައެވެ. އަދި ވީ އެންމެ އަވަހަކަށް ދެ ޕާޓީ މަޝްވަރާކޮށް، ރައީސް އިބްރާހީމް ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަށް އެހީތެރިވުމަށް ރައީސް ނަޝީދުގެ ކިބައިން އެދިވަޑައިގެންފައެވެ. 

ކުރިއަށް އޮތް ދުވަސްތަކަށް އިޝާރާތްކުރައްވައި ޖާބިރު ވިދާޅުވީ، "ރާއްޖޭގެ ވަރަށް ޚައްސާސް މޮމެންޓެއް މިހާރު މި އަންނަނީ. އެއްކޮޅުން އަނިޔާވެރިކަމަށް ތާޢީދުކުރާ ބަޔަކު ބޮޑު ވޯޓު ނަގާފައޮތް ކަމަށް ފެންނަ ގޮތަށް، އެމްޑީޕީ ދެބައިވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެކަން. އެހެންވީމާ މިއަދު އަޅުގަނޑު އެމްޑީޕީގެ މެނޭޖްމަންޓަށް މިއެދެނީ އެމްޑީޕީގެ މިންބަރެއްގެ ހައިސިއްޔަތުން، ވީހާއަވަހަށް ޑިމޮކްރެޓްސްއާ ވާހަކަ ދައްކައި ގޮތެއް ނިންމުމަށް،" ކަމަށެވެ. 

"ދިމާވި މައްސަލައަކީ އެމްޑީޕީ ދެބައިވުން. އޭތި އަނބުރާ ގްލޫ ކޮށްލެވިއްޖެ ކަމަށްވަންޏާ. އެހިސާބުން ދާނީ ބާރަށް ކުރިއަށޭ. އަޅުގަނޑަށް ޔަގީން ރާއްޖޭގެ ރައްޔިތުންނެއް ރާއްޖެ ފަހަތަށް ސޮއްސާލިޔަކަ ނުދޭނޭކަން. އަނިޔާވެރިކަމަށް ރާއްޖެ ދިޔަކަ ނުދޭނޭކަން،" ހަމަ ހިލާ އެކަން އެހެން ވިޔަކަވެސް ނުދޭނޭކަމަށް ވިދާޅުވެ ޖާބިރު ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ.

"އަވަހަށް ނެގޯޝިއޭޝަންތައް ހައްދަވާ. ހުރިހާ ބޭފުޅުން ވަޑައިގެން އެއްބުރުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ހޮވާށޭ. ދެންވެސް ހޮވާނީ އެއްބުރުންނޭ. އަލުންނޭ ވޯޓު އަޅަން ފަށާނީ،" ޖާބިރު ވިދާޅުވިއެވެ. 

އެއާއެކު ޖާބިރުގެ ވާހަކަފުޅު މެދުކަނޑުއްވާލައްވާފައި ރައީސް ނަޝިދު ވިދާޅުވީ، "އިއްޒަތްތެރި މެންބަރު އަޅުގަނޑު ފާހަގަކޮށްދޭން ޖެހޭ ދެނެއް އެކަން އެގޮތަށް ވާކަށް ނެތް،" ކަމަށެވެ. 

ރައީސް ނަޝިދު އެހެން ވިދާޅުވުމުން، "ޢިއްޒަތްތެރި ރައީސް އަޅުގަނޑު ހިތާމަކުރަން މަނިކުފާނު އަޅުގަނޑު ދައްކާ ވާހަކައަށް ތަދައްޚުލުވަމުން ދާތީވެ. ރައްޔިތުންގެ މަޖިލީހުގެ އޯޑަރާ އެއްގޮތަށް މިނިކުފާނު މަސައްކަތްކުރެއްވުމަށް އަޅުގަނޑު އެދޭތީވެ އެވާހަކަ ދަންނަވަން،" ކަމަށް ޖާބިރު ވިދާޅުވިއެވެ. 

އޭނާ އިތުރަށް ވިދާޅުވީ، އެމްޑީޕީއަށް "ދިމާވި މައްސަލައަކީ އެމްޑީޕީ ދެބައިވުން. އޭތި އަނބުރާ ގްލޫ ކޮށްލެވިއްޖެ ކަމަށްވަންޏާ. އެހިސާބުން ދާނީ ބާރަށް ކުރިއަށޭ. އަޅުގަނޑަށް ޔަގީން ރާއްޖޭގެ ރައްޔިތުންނެއް ރާއްޖެ ފަހަތަށް ސޮއްސާލިޔަކަ ނުދޭނޭކަން. އަނިޔާވެރިކަމަށް ރާއްޖެ ދިޔަކަ ނުދޭނޭކަން. އަޅުގަނޑުމެން ހަމަ ހިލާ އެކަން އެހެން ވިޔަކަވެސް ނުދޭނަން،" ކަމަށެވެ.