ދިވެހި އަސްކަރިއްޔާގައި ދިގުމުއްދަތެއްވަންދެން ޚިދުމަތުގައި ތިއްބެވި ޖެނެރަލުން ސިޔާސީ ކަންކަމުގައި ބޭނުންކުރުމުން އޭގެ ގެއްލުން މުޅި އަސްކަރިއްޔާއަށާއި އަދި ގައުމަށް ކުރާނޭކަމަށް ކުރީގެ ދިފާޢީ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އަސްކަރީ ބޭނުމަށް އިންޑިއާ ސިފައިން ތިބިކަން ދޮގުކޮށް، ސިފައިންގެ މަތީ ވެރީންތަކެއް ވަނީ، ދައުލަތުގެ މީޑިއާއަށް ސަރުކާރުން ބޭނުންވާ ގޮތަށް އިންޓަވިއުއެއް ދެއްވާފައެވެ.

އިންޓަވިއުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަޙީމާއި، ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދާއި، ބްރިގޭޑިއާ ޖެނެރަލް ޑރ. އަލީ ޝާހިދާއި، ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޣިޔާސް، ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ރަޝީދު، އަދި ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި ބްރިގޭޑިއާ ޖެނެރަލް ޙާމިދު ޝަފީޤު ހިމެނިވަޑައިގަންނަވައެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު ކަންވެސް ކުރައްވާ، ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު ވިދާޅުވީ، "އަސްކަރީ ތަމްރީނު ތަކާއެކު، ޤައުމަށް ގިނަ ދުވަސްތަކެއް ވާންދެން ޚިދުމަތްކޮށްދެއްވާފައިވާ އަސްކަރިއްޔާގެ ޖެނެރަލުން މިފަދަ ގޮތަކަށް ބޭނުން ކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް،" ކަމަށެވެ.

"ދިވެހި އަސްކަރިއްޔާ މިފަދަ ގޮތަކަށް ސިޔާސީ ކުރުމުގެ ގެއްލުން، މުޅި މުއައްސަސާއަށާއި ޤައުމަށް ކުރާނެ،" ކަމަށްވެސް ކުރީގެ ދިފާޢީ ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިންގެ ނުފޫޒެއް ނެތްކަން ދެއްކުމަށް ސިފައިންގެ ޖެނެރަލުން ތަކެއް މަސައްކަތްކުރައްވާފައި މިވަނީ،  މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާޙީމަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، މިއީ އިދިކޮޅުން ފެތުރި ދޮގުތަކަށް ރައްދު ނުދެވުން ކުރިމަތިވީ ކަމެއް ކަމަށާއި، ދެވަނަ ބުރުގައި ހާމަކުރެވެންހުރި ހުރިހާ އެއްޗެއް ހާމަކުރައްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވަނިކޮށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ކެމްޕޭން ޓީމަށް " ޖެހުނު ހިސާބު ގޯސް. ކުރަންޖެހޭ ކަންކަން ސާފުކުރެވިއްޖެ." ކަމަށް މި ސަރުކާރުގެ އިޤްތިޞާދީ ވަޒީރު، އަދި އެމްޑީޕީގެ ޗެއަރ ޕަރސަން ފައްޔާޒު އިސްމާޢީލް ވިދާޅުވިތާ މާކަ ގިނަ އިރެއް ނުވެ، ރައީސް އިބްރާހިމް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ކަމަށް ބުނާ ސިޓީއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ލީކުކޮށްލައިފައެވެ. މި ސިޓީއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބޭނުންފުޅުވެގެންވެސް ނުލިބިފައި އޮތް ވަރަށް ސިއްރު ސިޓީ ފުޅެކެވެ.