އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ 54 މެންބަރަކު ސޮއިކުރައްވައި، މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ލީޑަރު ރައީސް މުޙައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތްކަމަށް މިދިޔަ ޖޫންމަހު ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ގިނަ މެންބަރުންތަކެއްގެ ސޮއި އަނބުރާ ގެންދިއުމުން އެ ދެމައްސަލަވެސް މަޖިލީހުން ބޭރުވެއްޖެއެވެ.  

އެމްޑީޕީން ރައީސް ނަޝީދު ވަކިވެވަޑައިގެން، އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. ނަމަވެސް، އެ މައްސަލަ މިވީހާތަނަށް ވެސް މަޖިލީހުގައި ތާވަލު ނުކުރެވި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ދެވަނައަށް ވެއްޓުމާ އެކު މި މައްސަލައިގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާކޮށް މައްސަލަ ނެގުމަށް ނިންމިއެވެ. 

މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ، 54 މެންބަރުންގެ ތެރޭން 25 މެންބަރަކު އަނބުރާ ސޮއި ގެންގޮސްފައިވާ ކަމަށާއި، މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވަނީ 22 މެންބަރުންގެ ސޮއި ކަމަށެވެ. އަދި މައްސަލަ ކުރިއަށް ގެންދިއުމަށް އެމަނިކުފާނު ވަނީ ވިލުފުށީދާއިރާގެ މެންބަރު ޙަސަން ޢަފީފާ މަޖިލީހުގެ ރިޔާސަތު ހަވާލުކުރައްވައިފައެވެ. އެއަށް ފަހު މަޖިލީހުގެ ޖަލްސާ ހުސްވަގުތުކޮޅަކަށް މެދުކަނޑާލިއެވެ. 

ހުސްވަގުތު ކޮޅަށްފަހު އަލުން ޖަލްސާ ފެށުމަށް ފަހު ރިޔާސަތުން އިއްވެވީ، "މިހާތަނަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ސޮއިކުރައްވާފައިވާ ބާކީ މެންބަރުގެ އަދަދަކީ 21" ކަމަށާއި އަދި "ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ސޮއިކުރައްވާފައިވާ ބާކީ މެންބަރުންގެ އަދަދަކީ 17" ކަމަށެވެ. އެހެންކަމުން މި މައްސަލަ މަޖިލީހުގައި އިތުރަށް ކުރިއަށް ގެންދެވޭން ނެތުމުން މިއަދަށް މަޖިލީސްވެސް ނިމުނީ ކަމަށެވެ. 

ރައީސް ޞާލޙު، ރައީސް ނަޝީދު އަދި އެމްޑީޕީގެ ޗެއަރ ފައްޔާޒް އިސްމާޢީލް--

 

މިފަހަރުގެ ރިޔާސީ އިންތިޚާބަށް، ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ކުރިއަށް ގެންދިޔަ ފޯރިގަދަ ކެމްޕޭން ޖަލްސާތަކުގައިވެސް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެއް ވާހަކަފުޅަކީ، އެމްޑީޕީގެ ބޮޑު ބައި އޮތީ އެމަނިކުފާނާ އެކު ކަމަށާއި، އަދި އެމްޑީޕީ ރޫޅައިލައްވާނޭ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުޙްމަދު ޞާލިޙު ވެރިކަމަށް ގެނައީ ވެސް އެމަނިކުފާނު ކަމަށާއި އަދި ރައީސް އިބްރާހީމް ވެރިކަމުން ބާލާނީ ވެސް އެމަނިކުފާނުކަށް ވިދާޅުވިއެވެ. 

އިންތިޚާބުގެ ފުރަތަމަ ބުރުގެ ނާކާމިޔާބީއާއެކު، ރައީސް އިބްރާހީމް ވަނީ ދެވަނަ ބުރުގައި އެމަނިކުފާނަށް އިތުރު ތާޢީދު ހޯއްދެވުމުގެ ގޮތުން ވާދަވެރީންނާ މަޝްވަރާ ކުރައްވާނޭކަމަށް ވިދާޅުވެފައެވެ. މައުލޫމާތު ލިބޭގޮތުން، ރައީސް ނަޝީދުގެ މައްސަލަ ނަންގަވާންވެސް ނިންމެވީ މިފަދަ މަޝްވަރާތަކުގެ ތެރޭންކަމަށް ބެލެވެއެވެ. ނަމަވެސް، ރައީސް ނަޝީދާއެކު އެމްޑީޕީން ޑީލެއް ހެއްދެވި ނަމަވެސް، ދަ ޑިމޮކްރެޓުންގެ ގިނަ މެންބަރުން ތިބީ ކޮރަޕްޝަނާ ފަސާދައިގެ ހާއްޔަކަށް ވެފައިވާ ސަރުކާރާ ދެވަނަ ބުރެއްގައި ވެސް ނުގުޅުޅޭނޭކަމަށް ބުނެ ދުރާލައި ކަމަރު ބަނދެގެން ކަމަށްވާތީ، މިފަދަ ޑީލެއް ކުރިއަށް ގެންގޮސްފި ނަމަ، ރައީސް ނަޝީދަށް ވަފާތެރި އެތައް ބަޔަކު ގެއްލިގެން ދާނޭކަމަށް ސިޔާސީ ފަރާތްތަކުން ބުނެއެވެ. 

ރައީސް ނަޝީދު ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕޭން ތެރޭން-- ފޮޓޯ: ޑިމޮކްރެޓްސް

 

އިންތިޚާބުގެ ފުރަތަމަ ބުރުން ދަ ޑިމޮކްރެޓްސްއަށް ލިބިފައި ވަނީ، 3 ވަނައެވެ. އެ ޕާޓީގެ ގިނަ އެކްޓިވިސްޓުންނާއި އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ މެންބަރުންވެސް ހަރުއަޑުން ގޮވަމުން ގެންދަނީ ދެވަނަ ބުރެއްގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާ ގުޅުމަށެވެ. އަދި ރައީސް ނަޝީދުވެސް ވަނީ، އެފަދަ އިޝާރާތެއް ކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ، ރައީސް ޞާލިހަށް ޕާޓީން ދީފައިވާ ތާޢީދުވެސް އަނބުރާ ގެންގޮސް، އިދިކޮޅު ސިޔާސީ ފިކުރާއެކު ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވައިލުމަށް އިރުޝާދު ދެއްވައިފައެވެ.