މިއަހަރުގެ ރިޔާސީ އިންތިހާބު 2023ގެ ދެވަނަބުރުގެ ވޯޓުލުން އޮންނާނީ 2023 ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހު ކަމަށާއި ރީ-ރެޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލައި އެކަން އިއުލާނުކުރާނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

އީސީގެ ނައިބުރައީސް އަދި ތަރުޖަމާނު އިސްމާޢީލް ޙަބީބު ވިދާޅުވީ، "ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެންތަނެއްގައި، ދެވަނަބުރުގައި ވޯޓުލާން ބޭނުންވާ މީހުންނަށް، އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަރަށް އަވަހަށް ހުޅުވާލައި، އެކަން ޢާންމުކޮށް އިއުލާން ކުރާނެ،" ކަމަށެވެ. 

ސަރުކާރު ހިންގާ އެމްޑީޕީ، އަދާލަތު އަދި އެމެޑީއޭގެ ބިޔަ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހާއި އަދި އިތުރު 7 ކެންޑިޑޭޓުން ވާދަކުރި، މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވީ، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. ދެވަނަ ބުރުގައި އޭނާއާ ވާދަކުރައްވާނީ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓް ރައީސް އިބްރާހީމެވެ.