މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ފެނިގެން މިދިޔައީ ދަ ޑިމޮކްރެޓްސްގެ ފެށުން ކަމަށާއި، އަދި ސަރުކާރުން ކުރިމަތިކުރުވި ވަޒީފާގެ ބިރުވެރިކަމާއި އެހެނިހެން އިންޒާރުތަކަށްވެސް އެއްވެސް ބެލުމެއް ނެތި ޕާޓީއަށް ތާޢީދުކުރާ ފަރާތްތަކުން ދެއްކި ކެރުމާއި ހިތްވަރުކަަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ. 

ދާދި އިހަކަށް ދުވަހު އުފަންވި ދަ ޑިމޮކްރެޓްސް އިން، ހޮނިހިރު ދުވަހު ބޭއްވި ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވަނީ ދުވަސްވީ ބޮޑެތި ސިޔާސީ ޕާޓީތައް ފަހަތަށް ޖައްސާލައި އިންތިޚާބުގެ ތިން ވަނަ ހޯދައިފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ކޮރަޕްޓް ސަރުކާރެއްގެ ތެރޭން، ހިތްވަރު ދައްކާފައި ނުކުމެ އެ ސަރުކާރާ ދެކޮޅަށް ތެދުވާ ބަޔަކަށް ވަރަށް ރަނގަޅު ނަތީޖާއެކެވެ. 

އިލްޔާސް ވިދާޅުވީ، "އަސްލު މިއީ ޕާޓީގެ ފެށުން. އަޅުގަނޑުމެން ވިސްނައިގެން ނުވާނެ ސިޔާސީ ޕާޓީއެއް ހަދައިގެން އަންނަ ފުރަތަމަ އިންތިހާބަކުން އަޅުގަނޑުމެންނަށް ލިބޭ ވޯޓަކީ އެއީ ބަލިވީތޯ މޮޅުވީތޯ،" އިންތިޚާބުގެ ނަތީޖާއާ ގުޅޭ ގޮތުން އޭނާ މިޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، "އަޅުގަނޑުމެން ސިޔާސީ ކަންކަމުގައި ކުރިއަށްދާ އަދި ވަރަށް ބައިވަރު ކަންތައްތައް އެބަހުރި، ބައިވަރު މަސައްކަތް ކުރަން އެބަހުރި. އަޅުގަނޑުމެން ކުރިއަށްދާނީ އެކަންކަން ހާސިލް ކުރަން،" ކަމަށެވެ. 

މީގެ އިތުރުން، "ރެއާއި ދުވާލު އެއްވެސް ޖެހިލުމެއް ނެތި. ހުރި ފިއްތުންތަކަށާއި ބިރުވެރިކަމާއި މި ހުރިހާ ކަމަށް ޖެހިލުމެއް ނެތި ފަސްޖެހުމެއް ނެތި އެކި އެކި ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން ވަޒީފާ ދޫކުރައްވާ އަނެއް ބޭފުޅުން ވަޒީފާއިން ކަނޑާލީމަ ވެސް އިންޒާރަކަށް ބެލުމެއް ނެތި ނިކުމެ އަޅުގަނޑުމެންނާއިއެކު ހިތްވަރާއެކު މަސައްކަތްކުރެއްވި. ހުރިހާ ބޭފުޅުންނަށް އަދި އެހީތެރިވެދެއްވި ބޭފުޅުންނަށް ޑިމޮކްރެޓްސްގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންވަނަވަން،" ކަމަށް އޭނާ ވިދާޅުވިއެވެ. 

އަދި "އިދާރަކުރެއްވިއްޔާ ތިބޭފުޅުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން، ހިތްވަރުގެ އަލީގައި އިތުރަށް ކުރިއަށްދާނަން." ޕާޓީގެ މެންބަރުންނާއި އަދި ތާޢީދުކުރާ ހުރިހާފަރާތްތަކަށް ޔަގީންކަން ދެއްވަމުން އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ އެއްވަނަ ލިބުނީ، ސަރުކާރާ އެންމެ ވާދަވެރި އިދިކޮޅު ފިކުރު ކަމަށްވާ ރައީސް އަބްދުﷲ ޔާމީންގެ ޕްރޮގްރެސް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށެވެ. އޭނާ ވަނީ ވޯޓުގެ 46 އިންސައްތަ ވޯޓު ހޯއްދަވައިފައެވެ. އަދި ދެވަނައަށް ދިޔަ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 39 އިންސަތަ ވޯޓެވެ. ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު 3 ވަނަ ހޯއްދެވީ 7 އިންސައްތަ ވޯޓާއެކުއެވެ.