މިފަހަރުގެ ރިޔާސީ އިންތިހާބު 2023 ގެ ވޯޓުލުން އޮންނާނީ ހެނދުނު 8:00އިން ހަވީރު 4:00އަށް ކަމަށާއި، އިންސާނީ ބާރު ނުހިގާ ކަމެއް މެދުވެރިވެގެން މެނުވީ ވަގުތު އިތުރު ނުކުރާނޭކަން ދުރާލައި ހުރިހާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނަށްވެސް އަންގާފައި ވާނޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާޢީލް ޙަބީބު ވިދާޅުވެއްޖެއެވެ. 

ހަބީބު މިގޮތަށް ވިދާޅުވެފައި މިވަނީ، އިންތިޚާބުގެ ވޯޓުލާ ވަގުތު އިތުރު ނުކުރައްވާނޭކަން، 4 ޖަހަން ކުޑަތަންވެފައި ވަނިކޮށް އޭނާ އިއުލާނުކުރެއްވުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެންނެވެ. 

އީސީގެ ތަރުޖަމާނު ވިދާޅުވީ، "ރިޔާސީ އިންތިހާބު 2023 ގެ ވޯޓުލުން އޮންނާނީ، ހެނދުނު 8:00 ން ހަވީރު 4:00 އަށް ކަމުގައި ކަނޑައަޅައި، އެކަން ވަނީ ޢާންމުކޮށް އިއުލާން ކޮށްފައި،" ކަމަށެވެ.

އަދި "ރިޔާސީ އިންތިހާބުގެ ލަފާދޭ ކޮމިޓީގައި، ވޯޓުލާ ވަގުތު އިތުރުކުރުމާމެދު މަޝްވަރާކުރެވި، އިންސާނީ ބާރު ނުފޯރާ ކަމެއް ދިމާވެގެން މެނުވީ، ވަގުތު އިތުރު ނުކުރާގޮތަށް، ލަފާދޭ ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު، ވަގުތު އިތުރު ނުކުރާނެކަން ދުރާލާ ހުރިހާ ކެންޑިޑޭޓުންނަށާއި، ސިޔާސީ ޕާޓީތަކަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވާނީ އަންގާފައި،" ވާނޭ ކަަމަށެވެ. 

މިފަހަރުގެ އިންތިޚާބުގައި ވޯޓލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލައަކީ 282,395އެވެ. އެއީ 138,196 އަންހެނުންނާއި 144,199 ފިރިހެނުންނެވެ.