މިއަދު ހެނދުނު 8:00ން ފެށިގެން ކުރިއަށްދާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި މިހާތަނަށް 132،000އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު، ދަ ޑިމޮކްރެޓްސްއަށް ރަނގަޅު ނަތީޖާއަށް ނެރެވޭނޭކަމަށް އުންމީދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

އިސްކަންދަރު ސްކޫލްގައި ބަހައްޓަފައި ހުރި ވޯޓްފޮއްޓައް ވޯޓު ލެއްވުމަށް ފަހު ނޫސްވެރީންނާ ވާހަކަދައްކަަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއީ ސުލްހަވެރިކަމާ އެކު ކުރިއަށް އޮތް 5 އަހަރަށް ދިވެހީންގެ ވެރިޔަކު ހޮވަން ކުރިއަށް ގެންދާ އިންތިޚާބު ކަމަށްވާއިރު ހުރިހާ ރައްޔިތުންވެސް ވަރަސް ރަނގަޅަށް ވިސްނާފައި ވޯޓުލުން މުހިއްމުކަމަށެވެ. 

ދަ ޑިމޮކްރެޓްސްގެ ރަނިންގމޭޓް ހުސައިން ޢަމްރޫ ރަޝާދު ވޯޓުލައްވަނީ -- ފޮޓޯ: ދަ ޑިމޮކްރެޓްސް

 

ކުރީން އެމްޑީޕީގައި ހުންނަވާފައި ސަރުކާރު ތެރޭގައި ކޮރަޕްޝަނާ ފަސާދަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވެ އެޕާޓީން ވަކިވެވަޑައިގެން، އަލަށް އުފެއްދި ދަ ޑިމޮކްރެޓްސް އާ ގުޅުވަޑައިގެން ހުންނެވި ކުރީގެ އެމްޑީޕީގެ ލީޑަރު ވިދާޅުވީ، މި އިންތިޚާބުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ރަނގަޅު ކާމިޔާބެއް ލިބޭނޭކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި  ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އޭގެ ތެރޭން 27000 އަށްވުރެ ގިނަ މީހުންނަކީ މުޅިން އަލަށް ވޯޓު ލުމުގެ ހައްގު ލިބުނު ޒުވާނުންނެވެ. 

ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ރިޔާސީ ކެންޑިޑޭޓުން ވާދަކުރާ މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ހެނދުނު 7:30ވީއިރު ވޯޓު ފޮށިތައް ކައިރީ ގިނަ ބަޔަކު ކިޔުހަދާފައިވެއެވެ. ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00ން ހަވީރު 4:00އަށެވެ. އަދި ވޯޓުލާ ކިޔުގައި މީހަކު ނެތް ނަމަ، ފޮށި ބަންދުކޮށް 4:30ގައި ވޯޓު ގުނާން ފަށާނެއެވެ.