ހުކުރު ދުވަހުގެ ރޭ އިރާކޮޅު ހުޅުމާލޭ ނެރުކައިރީ ދެ ލޯންޗެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަޚަމްވި 8 މީހުންގެ ތެރޭން 2 މީހުން ފިޔަވައި ބާކީ ތިބި މީހުން ފަރުވާއަށް ފަހު ދޫކޮށްލައިފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނީ، މި އެކްސިޑެންޓާ ގުޅިގެން 8 މީހަކު ފަރުވާދިނުމަށް އެ ހޮސްޕިޓަލުގެ އިމަޖެންސީއަށް ގެނައި ކަމަށާއި އޭގެ ތެރޭން 6 މީހަކު ފަރުވާއަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. މި އެކްސިޑެންޓާ ގުޅިގެން ހޮސްޕިޓަލްގެ އޮބްޒަވޭޝަންގައި މިވަގުތު އޮތް 2 މީހުންނަކީ ދިވެހީންނެވެ.
މި އެކްސިޑެންޓްގައި ދެ ލޯންޗަށްވެސް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވެއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުން، ޖޯއީ އައިލެންޑް ރިސޯޓުން އެއަރޕޯޓަށް ދަތުރުކުރަމުންދިޔަ ލޯންޗަކާއި ލިއޯ ޓްރޭޑިންގއަށް ނިސްބަތްވާ ލޯންޗެއް ޖެހި ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގެ މަޢުލޫމާތު އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ 20:09 ހާއިރެވެ.
ޖޯއީ އައިލެންޑްގެ ލޯންޗުގައި އެވަގުތު 13 ފަތުރުވެރިންނާއި 3 ފަޅުވެރިން ތިބިކަމަށްވެއެވެ. މި ލޯންޗުގައި ދަތުރުކުރި މީހުންނަށް ލިބިފައި ވަނީ ކުދިކުދި އަނިޔާތަކެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އަދި ލިއޯ ޓްރޭޑިންގެ ލޯންޗުގައި އެ ވަގުތު 8 މުވައްޒަފުންނާއި 2 ފަޅުވެރިންގެ ތިބިކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.