ދެކުނު ޗައިނާ ކަނޑުގެ ސަބީނާ ޝޯލްގައި، ފިލިޕީންސްގެ ކޯސްޓްގާޑުގެ އުޅަނދުތަކުން ޗައިނާގެ އިސްތިގުލާލަށް އަރައިގަތް ކަމުގެ ތުހުމަތު ކުރެވޭ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފިލިޕީންސްއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނޭކަމަށް ޗައިނާއިން ބުނެފިއެވެ.

ދެކުނު ޗައިނާ ކަނޑުގައި ހަރަކާތްތެރިވާ ފަރާތްތައް އަމަލުކުރުމަށް އެކުލަވާލައިފައިވާ މުއާހަދާއަށް އިޝާރާތްކޮށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ވަނީ ފިލިޕީންސްގެ މި އަމަލުތަކަކީ ސަރަހައްދީ ސުލްހައަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ބުނެފައެވެ.

ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމާއެކު ހާލަތު މޮނިޓަރކުރުމަށް ޗައިނާގެ އެންމެ ބޮޑު ކޯސްޓްގާޑް އުޅަނދު ކަމަށްވާ ސީސީޖީ-5901ން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ސީސީޖީ-5901 އަކީ މުޅިދުނިޔޭގައި ވެސް މިވަގުތު އޮތް އެންމެ ބޮޑު އަދި ސަލާމަތީ ވަސީލަތްތައް އެންމެ ވަރުގަދަ ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އުޅަނދެވެ.

އަދި ޗައިނާއިން ވަނީ އެގައުމުގެ ސަރަހައްދުގެ ގޮތުގައި ޗައިނާއިން އަމިއްލައަށް ކަނޑައަޅާފައިވާ 10 ޑޭޝް ލައިންގައި ހިމެނޭ ކަނޑުގެ ހުރިހާ ސަރަހައްދެއްގައި ސަލާމަތީ ފިޔަވަޅުތައް އިތުރުކޮށްފައެވެ.