ސެޕްޓެމްބަރު 9 ވާ ހޮނިހިރު ދުވަހު (މާދަމާ) ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ކެމްޕޭން ކުރުމުގެ ވަގުތު ހުކުރު ދުވަހުގެ (މިއަދުގެ) 6:00އަށް ހަމަވުމާއެކު ޕާޓީތަކާއި އަމިއްލަގޮތުން ވާދަކުރާއް ކެންޑިޑޭޓުން ސަޕޯޓަރުންނާއެކު ވަރުގަދަ ހަރަކާތްތަކަކާއެކު ކެމްޕޭންތައް ރަސްމީކޮށް މިވަނީ ނިންމާލައިފައެވެ. 

އިލެކްޝަންސް ކޮމިޝަނުން ވަނީ، މިއަދު ކެމްޕޭންގެ ކަންތައް  ސުލްހަވެރިކަމާއެކު ރީތިކޮށް ނިންމުމަށް ފަހު، މާދަމާ އިންތިހާބުގެ ކަންކަން ވެސް ސުލުހަވެރިކަމާއެކު ކުރިޔަށް ގެންދިޔުމަށް އިލްތިމާސްކޮށްފައެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައިވެސް ބޭއްވޭ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިޚާބެވެ. މިފަހަރު ޖުމުލަ 8 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ޕާޓީ ލައިނުން 5 ކެންޑިޑޭޓަކާ އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުން ހިމެނެއެވެ. 

ޑ. މުއިއްޒުގެ ކެމްޕޭން ހަރަކާތް ނިންމާލުން-- ފޮޓޯ: ޕީޕީއެމް

 

މިފަހަރު ކެމްޕޭން ހަރަކާތްތައް ނިންމާލުމުގެ ގޮތުން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ނިންމާލީ އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ. 

މިހާރުގެ ރައީސް، އެމްޑީޕީ/އަދާލަތު/ އެމްޑީއޭ ކޯލިޝަން ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހުގެ ކެމްޕޭން ނިންމާލުން އޮތީ، އުސްފަސްގަނޑު ސަރަހައްދުގައެވެ. 

ރައީސް ޞާލިހުގެ ކެމްޕޭން ހަރަކާތް ނިންމާލުން-- ފޮޓޯ: އެމްޑީޕީ

 

އެންމެ ޒުވާން ކެންޑިޑޭޓް އަދި އެންމެ ހަގު ޕާޓީ ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބުގެ ކެމްޕޭން ހަރަކާތް ނިންމާލުން އޮތީ ރަސްފަންނު ސަރަހައްދުގައެވެ. 

އިލްޔާސް ލަބީބުގެ ކެމްޕޭން ހަރަކާތް ނިންމާލުން-- ފޮޓޯ: ޑިމޮކްރެޓްސް

 

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕޭން ރެލީ ނިންމާލާފައި ވަނީ ފޯރިގަދަ ހަރަކާތްތަކާއެކު އާޓިފިޝަލް ބީޗުން ފެށިގެން މ. ކުނޫޒަށެވެ. 

ގާސިމް އިބްރާހީމްގެ ކެމްޕޭން ހަރަކާތް ނިންމާލުން-- ފޮޓޯ: ޖޭޕީ

 

މީގެ އިތުރުން، ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަޑް ނާޒިމްގެ އެމްއެންޕީން އެ ޕާޓީގެ ކެމްޕޭން ހަރަކާތްތައް ނިންމާލީ ހުޅުމާލޭންނެވެ. 

ނާޒިމްގެ ކެމްޕޭން ހަރަކާތް ނިންމާލުން-- ފޮޓޯ: އެމްއެންޕީ

 

އަމިއްލަގޮތުން ވާދަކުރައްވާ، ޢުމަރު ނަސީރާއި ފާރިސް މައުމޫނުގެ އިތުރު ހަސަން ޒަމީލުވެސް ވަނީ މިއަދު މާލޭގައި ކެމްޕޭން ނިންމުމުގެ ޚަރަކާތްކުރިއަށް ގެންގޮސްފައެވެ. 

ފާރިސް މައުމޫންގެ ކެމްޕޭން ހަރަކާތް ނިންމާލުން-- ފޮޓޯ: ޓީމްފާރިސް

 

ދެން އޮތީ ވޯޓު ދިނުން. މިކަންކަމަށް ސަމާލުވާތި!

  • ވޯޓުލުން ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށް.
  • ވޯޓުލާން ދާއިރު މުއްދަތު ހަމަ ނުވާ، އައިޑީކާޑު، ދިވެހި ޕާސްޕޯޓު، ޕާސްޕޯޓް ކާޑު، ޑްރައިވިންގ ލައިސަންސް ފަދަ ދައުލަތުގެ ނިޝާންޖެހި ރަސްމީ ޑޮކިއުމެންޓެއް ގެންދާން ޖެހޭނެ.
  • ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާދިމާގައި ރަނގަޅު އެއް ފާހަގައަށް ވުރެ ގިނަ ރަނގަޅު ފާހަގަ ޖަހައިފި ނަމަ ވޯޓު ބާތިލްވާނެ.
  • ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާދިމާގައި އާދައިގެ ކަޅު ނުވަތަ ނޫކުލައި ދެލީގެ ގަލަމަކުން ފިޔަވައި، އެހެން ކުލައެއްގެ ދެލީގެ ގަލަމަކުން ނުވަތަ އެއްޗަކުން ފާހަގަޖަހައިފި ނަމަ ވޯޓު ބާތިލްވާނެ. 
  • ވޯޓިންގ ބޫތު ހުންނާނީ، ވޯޓުލާން އަންނަ މީހާ  ވޯޓިންގ ބޫތުގައި ހުންނައިރު، އޮފިޝަލުންނާއި، އޮބްޒާވަރުންނަށް ވޯޓުލާން އަންނަ މީހާ ފުރަގަހުން ފެންނަ ގޮތަށް. 

މީގެ އިތުރުން، 2023 ސެޕްޓެމްބަރ 8 ވާ ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން، ސެޕްޓެމްބަރ 10 ވާ އާދީއްތަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު، ސިޔާސީ ޕާޓީއެއްގެ ނުވަތަ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޖަގަހަ އެއް ހުޅުވާފައި ބެހެއްޓުމަކީ، ހުއްދަ ކަމެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.