ކުރިއަށް އޮތް 5 އަހަރަކީ، ދިވެހި ރައްޔިތުންގެ ފަރުދީ ތަނަވަސްކަން ކަށަވަރު ވެގެންދާނޭ 5 އަހަރު ކަމުގައި ހައްދަވާނޭ ކަމަށާއި އެކަން ކަށަވަރުކުރުމަށް ކެންޑިޑޭޓް ނަންބަރު 7އަށް ހޮނިހިރު ދުވަހު އެންމެން ވޯޓުދިނުމަށް، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ. 

އޭނާ ވިދާޅުވީ، މި ދިޔަ ފަސްއަހަރަކީ ރައްޔިތުންނަށް ރައްޔިތުން ވަރަށް ބޮޑަށް ބިކަކޮށް ހާލުގައި ޖެއްސި 5 އަހަރު ކަމަށާއި އެހެންކަމުން މިހާރު ރައްޔިތުން އެދިއެދި ތިބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ނޫންގޮތެއް ހޯދުމަށް ކަމަށެވެ. 

"ރައްޔިތުން ވަރަށް ބޮޑަށް ކަންކަމާ ވިސްނާ، ކަންކަން ދިރާސާކޮށްފައިވާ ކަން ވޭތުވެ ދިޔަދުވަސްތަކުގައި ފެނިގެން ދިޔައީ. އެ އެންމެންވެސް ބުނެފައިވާ ހަމައެކަނި ކަމަކީ، މި ސަރުކާރު، އިބްރާހީމް މުޙައްމަދު ޞާލިހު، އިބޫ ނޫންގޮތެއް." ހޯދަން ރައްޔިތުން ބޭނުންވާކަން ތަކުރާރުކޮށް އިލްޔާސް ވިދާޅުވިއެވެ. 

އިލްޔާސް ވިދާޅުވީ، ފެންނާން އޮތް ހަގީގަތަކީ، "ދައުލަތުގެ އާމްދަނީ 7 ބިލިއަނުން 30 ބިލިއަނަށް އަރައިފިކަން. މި 7 ބިލިއަނުން 30 ބިލިއަންނަށް އެރިއިރު ދިވެހި ޢާއިލާތަކުގެ އާމްދަނީ، ދިވެހި ގޭބިސީތަކުގެ އާމްދަނީ، ފަރުދީ ތަނަވަސްކަމެއް ލިބުނީ ކިހާވަރަކަށްތޯ، އަމިއްލަ ނަފުސަށް ސުވާލުކުރާން ޖެހިފައި،" ވާ ކަަމަށެވެ. 

"އަޅުގަނޑުމެންނަށް ސާފުކޮށް އެނގޭން އޮތްކަމަކީ އެއްވެސް ފަރުދެއްގެ އެއްވެސް އާޢިލާއެއްގެ ތަނަވަސްކަން އިތުރުނުވާކަން. ތިބޭފުޅުން ޝައްކު ނުކުރައްވާ. މިއަންނަ 5 އަހަރަކީ ތިބޭފުޅުންގެ ފަހަރު. އެއީ ރައްޔިތުންގެ ފަހަރު، މިއަންނަނީ ރައްޔިތުންގެ ފަރުދީ ތަނަވަސްކަން އިތުރުކުރާން. މިފަހަރު އާމްދަނީ އިތުރުކުރާނީ ތިބޭފުޅުންގެ އާއިލާއަށް ތިބޭފުޅުންގެ ގޭގެއަށް ތިބޭފުޅުންގެ ފަރުދީ ތަނަވަސްކަން އިތުރުކުރާ ފަހަރު،" އޭނާއަށް ރައްޔިތުން ފުރުސަތު ދީފިނަމަ، "އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ 5 އަހަރުގެ ދައުރެއް ނިމިގެންދާއިރު ތިބޭފުޅުންގެ އާއިލާގެ ތަނަވަސްކަން 5 ގުނަ އަޅުގަނޑުމެން ކޮށްދޭނަން،" ކަަަމަށް އިލްޔާސް ވިދާޅުވިއެވެ.

މަސައްކަތުގެ މާހައުލުގައި އެއްވެސް ދާއިރާއެއް ބާކީ ނުކޮށް މަސައްކަތް ކުރާނީ އެންމެނާ އެކު ކަމަށާއި، ދިވެހި މަސައްކަތްތެރީންނާއި ރައްޔިތުންނަށް އެބައިމީހުންނަށް ލިބޭންޖެހޭ ހުރިހާ ހައްގެއް އޭނާގެ ދައުރެއްގައި، ހަމަހަމަކަމާއެކު ކަށަވަރުކޮށްދެއްވާނޭކަމުގެ ޔަގީންކަން ޒުވާން ކެންޑިޑޭޓު ދެއްވިއެވެ.