ހޮނިހިރު ދުވަހު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި އައްޑޫ ރައްޔިތުން މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ވޯޓުދޭން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ދަ ޑިމޮކްރެޓްސްގެ އައްޑުއަށް ނިސްބަތްވާ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިލްޔާސްގެ އަމިއްލަ ރަށް ކަމަށްވާ ސ. ހުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އިލްޔާސް ވިދާޅުވީ، ރައީސް ޞާލިހު އައްޑޫއަށް ވަޑައިގެން އައްޑޫ ރައްޔިތުންގެ ގާތުގައި ވޯޓުދެއްވުމަށް އެދެންޖެހޭ އެއްވެސް ހުއްޖަތެއް ނެތްކަމަށެވެ. އައްޑޫ ރައްޔިތުންނަށް ވީ ވަޢުދުތައްވެސް ފުއްދަވައި ނުދެއްވުނު އިރު، މި ސަރުކާރުގެ ނަމުގައި އައްޑުއަށް، ވަކިން ހާއްސަކޮށް ހުޅުދުއަށް ގެނައި ކުޑަނަމަވެސް ތަރައްގީއަކީ ސީދާ އޭނާ އެކަމުގެ ތެރެއަށް ވަންނަވައި، "ހިފައިގެން އަތުން އަނބުރައި، ގަދަކަމުން ކުރުވާފައި" ހުރި ކަންތައްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

އިލްޔާސާއި އޭނާގެ ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ޓީމު ހުޅުދޫއާއި މީދުއަށް ކުރެއްވި ދަތުރުގައި އެ ޓީމަށް މަރުހަބާކިޔުމަށް އެތަކެއް ސަތޭކަ ރައްޔިތުން ޖަމާވިއެވެ. އަދި އައްޑޫން ގިނަ ރައްޔިތުން ޔަގީންކަން ދެނީ މިފަހަރު ވެރިކަމަށް ގެންނާން ޖެހޭނީ އައްޑޫ ދަރިއެއްކަމަށެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ޑިމޮކްރެޓުންނަށް ރަނގަޅު ނަތީޖާއެއް ނެރެވޭނޭކަމަށް އެޕާޓީން ޝައްކެއް ނުކުރެއެވެ.

އިލްޔާސް ވަނީ، އޭނާގެ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު ދިވެހި ރައްޔިތުން ދީފިނަމަ، ރާއްޖެއަށް، ޚާއްސަކޮށް އައްޑުއާއި ފުވައްމުލައް، އަދި ހުވަދޫއާއި ތިލަދުންމަތި ހިމެނޭހެން ފަރުދުންގެ ޖީބަށް އާމްދަނީ ވަންނާނޭގޮތަށް ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގަވާނޭ ކަމުގެ ވަޢުދުވެވަޑައިގެންފައެވެ.