ދިވެހިރާއްޖޭގެ ރައީސް ކަމަށް އައްޑުއަށް ނިސްބަތްވާ ބޭފުޅަކު ހޮވުމަކީ އައްޑޫ ރައްޔިތުން ޒަމާނުއްސުރެން ދެކެމުންއައި ހުވަފެނެއް ކަމަށާއި، އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ވޯޓު ދިނުމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ދަ ޑިމޮކްރެޓުން ބޭއްވި ފޯރިގަދަ ރިޔާސީ ކެމްޕޭން ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އައްޑުއަށް ނިސްބަތްވާ ކެންޑިޑޭޓަކު މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ފުރުސަތު ދެއްވުމުގައި އެމަނިކުފާނުގެ ބައިވެރިވުން ކުޑަކުޑަ މިންވަރަކަށް ނަމަވެސް އޮތުމަކީ، ވަރަށް އުފާފުޅުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އިތުބާރު ކުރަން ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް އިލްޔާސް ލަބީބަށް. އިންތިހާއަށް އަޅުގަނޑު އިތުބާރު ކުރަން. އަޅުގަނޑަކީ އެއްވެސް ތަނެއްގެ ވަޠަނީ މީހެއް ނޫން. ހަގީގަތަކީ އަޅުގަނޑަކީ ދުނިޔޭގެ މީހެއް،" އިލްޔާސަށް ތަޢުރީފުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިލްޔާސް "ނެއްވެއްގެ ގޮތުގައި ހުރެގެން އަދި ކައްޕިތާނެއްގެ ގޮތުގައި ހުރެގެން،" ދިވެހީންނަށް ތަނަވަސް އައްސޭރިއަކަށް ދަތުރުކުރެވޭނެކަން ޔަގީންކުރައްވާ ކަމަށެވެ.

މީގެ އިތުރުން، "އިލްޔާސް ނުކުންނެވީ ތަސައްވަރަކާ އެކީގައި،" ކަމަށާއި އަދި "އިލްޔާސްގެ މަންޒަރެއް، ވިސްނުމެއް އަދި ކުރެހުމެއް އެބައޮތް،" ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، "އިލްޔާސްއަށް ރާއްޖެ އޮތް ގޮތް އެނގިވަޑައިގަންނަވާ އަދި އައްޑޫގެ ހުރިހާ ސަރަހައްދުތަކެއް ވަރަށް ފަރިތަކަމާ އެކު އިލްޔާސްއަށް އެނގިވަޑައިގަންނަވާ!" ކަމަށެވެ.