ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ނޫންގޮތެއް ހޯދުމަށްޓަކައި، އިދިކޮޅު ޕީޕީއެމްގެ މެންބަރުންނާއި ސަޕޯޓަރުންވެސް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް (ކެންޑިޑޭޓް ނަންބަރު 7) އިލްޔާސް ލަބީބަށް ވޯޓު ދިނުމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، "ޕީޕީއެމް މެންބަރުންނާއި އަދި ސަޕޯޓަރުން ކެންޑިޑޭޓް ނަންބަރު 7، އިލްޔާސް ލަބީބަށް ވޯޓުދެއްވުން ވަރަށް އެދެން،" ކަމަށެވެ.

"ރައީސް ސޯލިހު ނޫންގޮތެއް ހޯދުމަށް ދެވަނަ ބުރަކަށް ރައީސް ސޯލިހު ދިޔަ ނުދިނުން ވަރަށް މުޙިއްމު،" ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ކުރީގެ ލީޑަރު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވަނީ، ހޯމަ ދުވަހުގެ ރޭ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް، ޕްރޮގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ޖަގަހައަށް ޒިޔާރަތްކުރެއްވުމަށްފަހު، އެނބުރި ގެއަށް ވަޑައިގަތް މަގުމަތީގައި އެކަމަނާއާ ބައްދަލުކުރައްވައި، ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ހުންނަވައިގެން ރައީސް ޔާމީން މިނިވަންކުރެއްވުމަށް ގޮވާލައްވައި އަޑުއުފުއްލަވައިފައެވެ.