ރާއްޖޭގެ އުތުރާއި ދެކުނަށް ޚާއްސަކޮށްގެން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ތައްޔާރުކޮށްފައިވާ ތަރައްގީގެ ވަޢުދުތައް ޢާންމުކޮށްފިއެވެ. އެގޮތުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް މިފަހަރުގެ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ، ރާއްޖޭގެ އުތުރާއި ދެކުނަށް އިންގިލާބީ ބަދަލުތަކެއް ގެންނާނޭ ކަމަށް އެޕާޓީގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

ރާއްޖޭގެ އެންމެ އުތުރުން ބޮޑު ތިލަދުންމަތީގައި ހިމެނޭ ކުޅުދުއްފުށި ސިޓީއާއި ދިއްދޫ ހިމެނޭގޮތަށް އެ ސަރަހައްދަށް ޚަރަކާތްތެރި މިނިވަން އިގްތިޞާދީ އަދި ޢުމްރާނީ ގޮތުންވެސް ބޮޑެތި ބަދަލު ގެނައުމަށް އެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެންމެ ދެކުނުގައިވާ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ހުވަދުއަތޮޅު ހިމެނޭގޮތަށް މުޅި ދެކުނަކީ ޓޫރިޒަމްގެ ހަބަކަށް ބަދަލުކޮށްލާން ޑިމޮކްރެޓުންގެ މެނިފެސްޓޯގައި ވެއެވެ.

އުތުރުގައި ހިންގާނޭ ތަރައްގީގެ މަޝްރޫޢުތަކުގެ ތެރޭގައި:

  • ގުދަންކުރާނޭ ވެއަރހައުސްތަކާއި، ފިހާރަތަކެއް ހިމެނޭގޮތަށް، ކުޅުދުއްފުށި ސިޓީގެ ސަރަހައްދީ ބަނދަރާއި އެއަރޕޯޓު ތަރައްގީކުރުން،
  • ކުޅުދުއްފުށީގައި ސަރަހައްދީ ތަރައްގީގެ ބޭންކެއް ހެދުން،
  • ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ފުރިހަމަ ތަނަކަށް ހެދުން،
  • ސަރަހައްދުގައި އުފައްދާ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ސީދާ ބޭރުގެ ގައުމުތަކަށް ހަނިމާދޫން އެކްސްޕޯޓުކުރުން،
  • 50 ޕަސެންޓް ޓެކްސް ޑިސްކައުންޓާއެކު އެ ސަރަހައްދުގައި ޓޫރިޒަމް ފައްކާކުރުން،
  • ޒަމާނީ ވަސީލަތްތަކާއެކު އެއަތޮޅު ދިއްދޫ ސިޓީއަކަށް ބަދަލުކުރުން،
  • ހަނިމާދުއާ ދިއްދޫ ގުޅުވައިދޭ ލޮޖިސްޓިކް ސެންޓަރުތަކެއް ގާއިމުކުރުން،
  • މީހުންނާއި މުދަލާއި އެއްގަމު އުޅަނދުފަހަރު އުފުލޭނޭ ފެރީގެ ނިޒާމެއް ތައާރަފްކޮށް ދިއްދުއާއި ކުޅުދުއްފުށި އަދި ވަށައިގެންވާ ރައްތައް ގުޅާލުން،
  • މީގެ އިތުރުން ދިއްދުއާއި ކުޅުދުއްފުށީގައި ހުރި ފަޅުގެތަކާއި ތޮއްޖެހިފައިވާ ތަންތަން ދެނެގަނެ، އެތަންތަނުގައި މާލޭގައި ޑިމޮކްރެޓުން ހަދަން ނިންމާފައިވާ ފަދަ ޑޭކެއަރ ސެންޓަރުތައް ހިމެނޭހެން ޒަމާނީ ވަސީލަތްތަކާއެކު 1000 ހައުސިންގ ޔުނިޓް އުފެއްދުމަށް 15 ބުރީގެ ކޮންޑޮމީނިއަމްތަކެއް އެޅުން ހިމެނެއެވެ.

ހަމައެހެންމެ، ދިއްދުއާއި ކުޅުދުއްފުށީގައި ސިޓީ ހޮޓާތަކާއި އަދި އެހެންނިހެން ޒަމާނީ ވަސީލަތްތައް ހިމަނުމާއި، ކެލާގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ޕްރޮސެސްކޮށް، ޕެކްކޮށް އަދި ލޭބަލްކުރުމަށް ބޭނުންކުރާނޭ ލައިޓް މެނުފެކްޗަރިންގ ޕްލާންޓެއް ހެދުން ހިމެނެއެވެ.

ދެކުނުގައި ހިންގާނޭ ތަރައްގީގެ މަޝްރޫޢުތަކުގެ ތެރޭގައި:

  • ދުނިޔޭގެ އެކި މަންޒިލްތަކަށް ޑައިރެކްޓް ފްލައިޓްތައް ބޭއްވޭގޮތަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ފުރިހަމަ ތަނަކަށް ހެދުމާއި،
  • ފުވައްމުލަކާއި ހުވަދުއަތޮޅުގެ ޓޫރިޒަމަށް ދަތުރުފަތުރު ފަހިކުރުމުގެ ގޮތުން މުޅި އެސަރަހައްދުގައި އޮޕަރޭޓްކުރެވޭނެ ފެންވަރުގެ ސީޕްލޭން ހަބެއް ގަމުގައި ތަރައްގީކުރުމާއި،
  • އެ ސަރަހައްދުގެ ކަނޑުދަތުރުފަތުރުގެ ނިޒާމް މިހާރަށްވުރެ ފެންވަރު ރަނގަޅު ނިޒާމަކަށް ބަދަލުކުރުން،
  • އައްޑޫގައި ހިއްކާފައިވާ ބިންތައް ތަރައްގީކުރުން،
  • އެފްރިކާ، އިރުމަތީ އޭޝިއާ، ދެކުނު އޭޝިއާގެ ގައުމުތައް ގުޅުވާލަދޭ ޓްރާންޝިޕްމަންޓް ބަނދަރެއް އައްޑޫ ސިޓީގައި ގާއިމުކުރުން،
  • ފުވައްމުލަކު އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކުރުން،
  • ޒަމާނީ ފެންވަރުގެ ޑޮކިންގ ޔާޑުތަކާއި، ކޮމާޝަލް ޔުނިޓްތައްވެސް ހިމެނޭހެން ފުވައްމުލަކު ބަނދަރު ބޮޑުކޮށް ތަރައްގީކުރުން،
  • ހުވަދުއަތޮޅުގައި ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކޮށް، ކާޑެއްދޫގައި ސިޓީ ހޮޓަލެއް އެޅުން،
  • ގޭދޮށު މަސް ފެކްޓަރީތަކާއި ސިޓީ ހޮޓާތަކާއި ޓޫރިޒަމްގެ އެކިއެކި ވަސީލަތްތަކާއި އަދި ބޮޑު ތިލަދުންމައްޗާއި މާލޭގައި ގާއިމުކުރާ ހައުސިންގ ޔުނިޓްތައް ފަދަ އެންމެ ޒަމާނީ ފެންވަރުގެ ބޯހިޔާވަހިކަމާއި، ތަޢުލީމާއި ސިއްޙީކަންކަން އެކުލެވޭ ގޮތަށް، ސަރަހައްދުގެ އެންމެ އާބާދީއާއި ފަސްގަނޑު ބޮޑު ރައްތައް ތަރައްގީކުރުން، 
  • އޭގެ ތެރޭގައި ތިނަދޫ ސިޓީ، ވިލިނގިލި އަދި ގައްދޫ ފަދަ ރައްތައް ހިމެނޭ. 
ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެނުކުގެ އަތޮޅުތަކަށް ޚާއްސަކޮށްގެން ޑިމޮކްރެޓުންގެ މެނިފެސްޓޯ އެއް ވަނީ ޢިއުލާނުކޮށްފައި--ފޮޓޯ: ޑިމޮކްރެޓްސް

 

މީގެ އިތުރުންވެސް ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގާނޭ ގޮތާއި އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ފައިސާ ހޯދާނޭގޮތްވެސް އިލްޔާސްގެ މެނިފެސްޓޯގައި ހިމެނެއެވެ. އަދި އޭނާ ވިދާޅުވާގޮތުން، މި ތަންތަނުގެ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ދާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޢަމަލީ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމާއެކު ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.