ރިޔާސީ ދެވަނަ ދައުރެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދިނުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށާއި އެގޮތަށް ކަންކަން ވެއްޖެނަމަ، މުޅި ޢުމުރުދުވަހު ވެރިކަމުގައި ހުންނަވާން ނިންމަވާނޭކަމަށް އެމްޑީޕީގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" އުފަންކުރުވި އާ ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ކެމްޕޭން ކުރައްވަމުން، ރައީސް ނަޝީދު ވިދާޅުވީ، "ރައީސް ޞާލިޙަށް އިތުރު ފަސް އަހަރު އެއްގޮތަކަށް ވެސް ދިނުމަކީ ބުއްދިވެރިކަމެއް ނޫން. އެއީ ބޮޑު ނުރައްކަލެއް،" ކަމަށެވެ.

ދިވެހީން މިއަދު ނުކުމެ ވެރިކަން ބަދަލު ނުކޮށްފި ނަމަ، "އަޅުގަނޑުމެންގެ ކަންބޮޑުވުމެއް އެއީ ތާއަބަދަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމުގައި ހުންނަވަން ނިންމަވައި، ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ނިންމަވައި،  މަރުވުމަށް ދާންދެން ވެރިކަމުގައި ހުންނެވުން" އެއީ ރައްޔިތުން ވަރަށް ބޮޑަށް ވިސްނާން ޖެހޭ ކަމެއް ކަމުގައި ރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާ ނަޝީދު ވިދާޅުވިއެވެ.

ދިވެހީން ޤާނޫނުއަސާސީއަށް ބަދަލުގެނައީ ސުލްޙަވެރިކަމާއެކު ވެރިކަން ބަދަލުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމަށް ކަމަށާއި،" އެއްވެސް ބޭފުޅަކު ވެރިކަމުގައި ތާއަބަދު ހުންނަވައިފިނަމަ މި ޤާނޫނުއަސާސީ ރައްޔިތުންގެ ތެރޭގައި މޫލައްވަން އުދަނގޫވާނެ." ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.