ޤައުމުގެ ވަލިއްޔުލްޢަމްރުގެ މަގާމަށް މީހަކު އިޚްތިޔާރުކުރާއިރު، އެމީހެއްގެ ހަޤީގަތް ބަލަންޖެހޭކަމަށް ޤައުމީ ޔުނިވަރސިޓީގެ ކުރީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވަރަށް ބޮޑު ފޭނެކެވެ. އެގޮތުން ވަރަށް ބޮޑަށް ރައީސް އިބްރާހީމަށް ތަޢުރީފުކުރައްވަވައި، އަދި ޘަނާކިޔުއްވައި ޑރ. އިޔާޒް ކުރައްވާ ޓްވީޓްތަކާ ގުޅިގެން ބައެއް ދީނީ އިލްމު ވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން އިޔާޒަށް ފާޑު ކިޔުންތައްވެސް އަމާޒުކުރެއެވެ.

ނަމަވެސް ދާދި ފަހުން، ޑރ. އިޔާޒް ވަނީ، މި ސަރުކާރުން މޫނުބުރުގާއާ ގުޅޭގޮތުން، ޢަމަލުކުރި ގޮތުން އެކަން ކުރިމީހުންގެ އީމާންކަން މުރާޖަޢާކުރާން ޖެހޭކަމަށް ވިދާޅުވެފައެވެ.

އެގޮތުން "މޫނު ބުރުގާ ފަދަ އިސްލާމީ ޝިޢާރުތަކާއި ދެކޮޅު ހެދުމަކީ އެއްވެސް މަޚްލޫޤަކަށް ލިބިގެންވާ ޙައްޤެއް ނޫން." ކަމަށާއި "މޫނު ބުރުގާ ފަދަ އިސްލާމީ ޝިޢާރުތަކާއި ދެކޮޅު ހެދުމަކީ އެއްވެސް މަޚްލޫޤަކަށް ލިބިގެންވާ ޙައްޤެއް ނޫން." އޭނާ ކުރިން ވިދާޅުވެފައިވެއެވެ.

ފަހުން، ރައްޔިތުންގެ ފަރާތުން ސަރުކާރަށް އައި ޕްރެޝަރާއެކު ރިޔާސީ އިންތިޚާބާ ދިމާކޮށް، އެހެން އިތުރު ޗޮއިސްއެއް ނެތުމުން ސަރުކާރުން ވަނީ މޫނުބުރުގާ އަޅައިގެން މުދައްރިސުންނަށް ކިޔަވައިދެވޭގޮތަށް އިސްލާހު ބަދަލުކޮށްފައެވެ. ސަރުކާރުގެ މިފަދަ ހީލަތްތެރި ވިސްނުން އެންމެ ރަނގަޅަށް އެނގިލައްވާ ބޭފުޅެއްގެ ގޮތުން، އަދާލަތު ޕާޓީގެ ޖުޑީޝަލް ކޮމިޓީގެ ޗީފް ޖަސްޓިސްގެ މަގާމުގައިވެސް ހުންނެވި ޑރ. އިޔާޒް ވިދާޅުވީ "ޤައުމުގެ ވަލިއްޔުލް އަމްރަށް މީހަކު އިޚްތިޔާރު ކުރާއިރު އެމީހާގެ ޙަޤީޤަތްބަލާ ހޯދަންޖެހޭ،" ކަމަށެވެ.

އަދި އޭނާ އެވިދާޅުވަނީ ރައީސް އިބްރާހީމްގެ ވާހަކަކަން، ނުވަތަ އެހެން ރިޔާސީ ކެންޑިޑޭޓެއްގެ ވާހަކަކަންވެސް ނަން ނުގަނެ، ދީނީ ޢިލްމުވެރިޔާ ވިދާޅުވީ "އެހެންކަމުން، އެނގޭމީހުން އެމީހަކަށް އެނގިފައިވާ އެއްޗެއް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު ބަޔާންކުރުމަކީ އެމީހެއްގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު އަމާނާތެއް،" ކަމަށެވެ.

ޑރ. އިޔާޒް މިގޮތަށް ވިދާޅުވެފައި މިވަނީ، ރައީސް އިބްރާހީމްގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ނަމުގައި ދިވެހި ދައުލަތާއި ރައްޔިތުންނަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްދީ، މާލޭގެ އެތަކެއް ބިލިއަން ރުފިޔާގެ އަގުބޮޑު ބިންތައް ސަރުކާރުން ޚާއްސަކުރާ ވަކި ޝަރުތުތަކެއް ހަމަވާ ބަޔަކަށް ބަހާލުމުގެ ސަބަބުން، ރައްޔިތުން ވަރަށް ބޮޑަށް ސަރުކާރާ މެދު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.

އަދި، މި ސަރުކާރުން ހިންގާފައިވާ ބޮޑެތި ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަތައް، ކުރީން ސަރުކާރު ތެރޭގައި ތިބި ރައީސް އިބްރާހީމްގެ ކޯލިޝަން ޕާޓުނަރުންނާއި އަދި އިދިކޮޅުފަރާތްތަކުންވެސް ވަރަށް ފާޅުކަންބޮޑުގޮތެއްގައި ފާހަގަކުރަމުންދާ ވަގުތެއްގައެވެ.