ޅ. ނައިފަރުގައި ހުރި ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ޕޯސްޓަރުތަކަށް އެމްޑީޕީ އެކްޓިވިސްޓުން ގެއްލުން ދިނުމުން ރަށުގެ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެއްޖެއެވެ.
އެމްޑީޕީގެ ސަޕޯޓަރުން ގެއްލުން ދީފައިވަނީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ރަނިންމޭޓު ހުސެއިން ޢަމްރުގެ ފޮޓޯޖެހި ޕޯސްޓަރުތަކަކަށެވެ. އެކަމާ ގުޅިގެން ޑިމޮކްރެޓްްސް ބައެއް ފަރާތްތަކުން ވަނީ އެމްޑީޕީގެ ބައެއް ދިދަފަތިތައް ބުރިކޮށްލައި އެމްޑީޕީގެ ތަކެއްޗައްވެސް ގެއްލުން ދީފައެވެ.
އެކަމާ ގުޅިގެން މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު އާންމުވެފައިވާ ވީޑިއޯތަކުން މި ދެ ޕާޓީ މީހުން އެކަކު އަނެކަކާ ޒުވާބު ކުރާ މަންޒަރު ފެނެއެވެ.
މީގެ ކުރިންވެސް އެމްޑީޕީގެ އެކްޓިވިސްޓުން އެހެން ޕާޓީތަކުގެ ތަކެއްޗަށް ގެއްލުންދޭ މައްސަލަ ވަނީ ފެންމަތިވެފައެވެ. އަދި ފުލުހުން މެދުވެރިކޮށްވެސް އެހެން ޕާޓީތަކުގެ ޕޯސްޓަރުތަކާ ބެނާތައް ސަރުކާރުން ނަގަމުންދާކަން ފާހަގަކޮށްލެވެއެވެ.