އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލާފައިވަނީ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިމިވަނީ ރޭ ބޭއްވި ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ޖަލަށް ލުމުގައި އެއްވެސް ނުފޫޒެއް ނުފޯރުވާކަމަށް ރައީސް އިބްރާހިމް ވިދާޅުވުމާއި ގުޅިގެން ރައްދު ދެއްވުމުގެ ގޮތުންނެވެ.
އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލެއްވީ ރައީސް އިބްރާހިމް ކަމަށާއި އެކަން އެމަނިކުފާނު ކުރެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބޭނުންކޮށްގެންކަމަށެވެ.
އަދި ރައީސް ޔާމީން ޖަލަށް ލުމަށް ޖޭއެސްސީ ބޭނުންކުރިކަން ފާހަގަކުރައްވައި ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް ޙުކުމްކުރި ކޮންމެ ގާޟީއަކަށް މަގާމުގެ ކުރިއެރުން ދީފައިވާކަމަށެވެ.
"އެއް ޙުކުމުން ސަލާމަތްވާއިރަށް އަނެއް ދަޢުވާ ކުރަނީ. ރައީސް ޔާމީން ފިޔަވައި އިތުރު މީހެއްގެ މައްޗަށް ދަޢުވާ ނުކުރޭ." ޖަމީލްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ކުށް ސާބިތުކުރަން ބޭނުން ކުރީ "ދެފާސިގު ކުށްވެރިން" ކަމަށާއި އެއީ އަދީބާއި ޒިޔަތު ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ އެ ދެމީހުންވެސް ތިބީ ބޮޑެތި ޙުކުމްގައި ގޭގައިކަމަށާއި އެ ދެމީހުންނަށް ހަދިޔާގެ ގޮތުގައި ގިނަ ލުއިތަކެއް ދީފައިވާކަމަށެވެ.
"ޕީޕީއެމްގެ ކޮންމެ މެމްބަރަކު ގަބޫލް ކުރަނީ ރައީސް ޔާމީނަށް ކުރަނީ ސީދާ އަނިޔާކަމަށް. ސިޔާސީ ގޮތުން އެކަހެރި ކުރުމަށް ކޯޓްތަކަށް ރައީސް އިބޫ ނުފޫޒް ފޯރުވައިގެން ޙުކުމް ޖެހިކަމަށް." ޑރ. ޖަމީލް ވިދާޅުވިއެވެ.