ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން "ވިއްކާލި ކަނޑު" އަނބުރާ ހޯއްދަވާނޭކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ސަންގުބަހުސްގައި ޚާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި ހުޅުދޫ ދާއިރާގެ މެންބަރު ވިދާޅުވީ، "ޗާގޯސް މައްސަލަ އަޅުގަނޑުމެން އަނބުރާ ގެންނާނަން. ވިއްކާލި ކަނޑު އަޅުގަނޑުމެން އަނބުރާ ހޯދާނަން،" ކަމަށެވެ.

މޮރިޝަސްގެ ބައެއްގެ ގޮތުގައި ބައިނަލްއަގްވާމީ ފަރާތްތަކުން ބަލައިގެންފައިވާ ޗާގޯސް ނުވަތަ ފޯޅަވައްސާ ރާއްޖެއާ ދެމެދު އޮންނަ ކަނޑުގެ ފުށުއަރާ ސަރަހައްދު ކަމަށް ބުނެ، ބައިނަލްއަގުވާމީ ޓްރައިބިއުނަލް، އިޓްލޮސްއިން ވަނީ ރައީސް އިބްރާހީމް ފޮނުއްވި ސިޓީ ފުޅަކާ ހަވާލާދީ، އެ ކަނޑު ބަހާލައިފައެވެ.

ޒަމާނުއްސުރެން ދިވެހި މަސްވެރިން ނަފާ ހޯދަމުންދިޔަ ރާއްޖޭގެ ދެކުނުގެ މައި މަސްކަނޑުގެ 44،000 އަކަ ކިލޯމީޓަރު ރައީސް އިބްރާހީމްގެ ސަރުކާރުގެ އިހުމާލުން ގެއްލިގެން ދިއުމުން ރާއްޖޭގެ ވަރަށް ގިނަ ސިޔާސީ ފަރާތްތަކާއި އާންމު ރައްޔިތުންވަނީ އެކަމާ ނުރުހުން ފާޅުކޮށް އެކަމާ ދެކޮޅަށް އަޑުއުފުލައިފައެވެ.

ތާރީޚީ ލިޔުންތަކުން އެނގޭގޮތުގައި ޗާގޯސް ނުވަތަ ފޯޅަވައްސަކީ ދިވެހީންނާ ވަރަށް ބޮޑު ގުޅުމެއް އޮތް ތަނެކެވެ. ދިވެހިރާއްޖޭގެ ތާރީޚު ލިޔުއްވި މަޝްހޫރު ޕިރާޑްގެ ލިޔުންތަކުން އެނގޭގޮތުގައި، އޭނާ ރާއްޖޭގައި ހޭދަކުރެއްވި 5 ވަރަކަށް އަހަރު ތެރޭ، ވަކި މޫސުންމޫސުމަށް، އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވި އުތީމު އިބްރާހީމް ކަލާފާނުގެ އަމުރުފުޅަށް ފޯޅަވައްސަށް ގުރާބުތަކާއި އޮޑިފަހަރުތައް ފޮނުވާފައިވެއެވެ.