ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން، އަންގާރަ އޮކްޓޯބަރ 27ގައި ބާއްވާން ހަމަޖެހގިފައިވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް"ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކުރީން ހަމަޖެހިފައިވާ ގޮތުން، ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިކޮށްގެން ބާއްވަމުން އަންނަ އެންމެ ދުވަސްވީ ދުވުމުގެ ޚަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އޮތީ އޯގަސްޓް 30ގެ ނިޔަލަށެވެ. ނަމަވެސް މިހާރު ދިރާގުން ވަނީ، އެ މުއްދަތު އަންނަ އަންގާރަ ދުވަސް (5 ސެޕްޓެމްބަރ)ގެ ނިޔަލަށް އިތުރުކޮށްފައެވެ.

މިފަހަރުގެ ރޯޑު ރޭހުގެ ފުރަތަމަ އިވެންޓެއްގެ ގޮތުގައި އޮންނާނީވެސް ހާފްމެރަތަންއެވެ. އެ އިވެންޓު ފެށުމަށް ހަމަޖެހިފައި ވަނީ، އޮކްޓޯބަރ 27 ވަނަ ދުވަހުގެ މެންދަމު 3:30ގައެވެ. އަދި 10 ކިލޯ މީޓަރުގެ ދުވުން ފަށާނީ، ފަތިހު 5:30ގައެވެ. 5 ކިލޯ މީޓަރުގެ ދުވުން އޮންނާނީ އެދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ދިރާގު ރޯޑު ރޭހުގައި ބައިވެރިވާން މިހާރު ފުރުސަތު ދެނީ 4000 ބައިވެރީންނަށެވެ. އެގޮތުން، މި ފަހަރުގެ މުބާރާތުގައި ބައިވެރި ވެވޭނޭ އެންމެ ހަގު ޢުމުރެއްގެ ގޮތުގައި ދިރާގުން ކަނޑައަޅާފައި ވަނީ 7 އަހަރެވެ.

ދިރާގުން ބުނީ، މިފަހަރުގެ ރޯޑްރޭހުގެ ހަރަކާތްތައްވެސް ކުރިއަށް ދާނީ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ކަމަށާއި، މިފަހަރުގެ ރޯޑް ރޭހުގައި ޖުމުލަ 12 އެންޖީއޯއަކުން ބައިވެރި ވެފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް ފައިސާ ހޯދުމަށް ކުރިއަށް ގެންދާ ޚާއްސަ އިވެންޓްތަކެއް އެދުވަހު އެ ސަރަހައްދުގައި ކުރިއަށް ގެންދާނޭ ކަމަށެވެ.

މިއަހަރުގެ ރޯޑު ރޭހުގައި ތަމްޘީލުކުރާ 5 އެންޖީއޯއަކަށް 200،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރާއްޖޭގެ އެންމެ ދުވަސްވީ މުއާސަލާތީ ކުންފުނިން ބުނެއެވެ.