ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިކޮށްގެން ބާއްވަމުން އަންނަ އެންމެ ދުވަސްވީ ދުވުމުގެ ޚަރަކާތް ކަމަށްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" އަންނަ އޮކްޓޯބަރ މަހުގެ 27އަށް ތާވަލުކޮށް، ރަޖިސްޓްރީ ވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ދިރާގުން އެންމެ ފުރަތަމަ ރޯޑްރޭސް ބާއްވާފައި ވަނީ، 2007 ވަނަ އަހަރުއެވެ. މި އަންނަ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހަށް މިހާރު ތާވަލުކޮށްފައިވާ 14 ވަނަ ދިރާގު މޯލްޑިވްސް ރޯޑް ރޭސްވެސް ކުރިއަށް ގެންދާނީ ހުޅުމާލޭގައެވެ. ނަމަވެސް މިފަހަރު ދުވާ މަގުތަކާއި އަދި ވަނަވަނައަށް އަންނަ ފަރާތްތަކަށް ދޭ އިނާމަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާރކެޓިންގ ކޮމިއުނިކޭޝަންސް މުޙައްމަދު މިރްޝާން ޙަސަން ވިދާޅުވީ، މިފަހަރުގެ މުބާރާތުގެ ބައިވެރީންނަށް މުޅިން އާ ރޫޓެއް ކަނޑައަޅާފައިވާއިރު، ދިރާގު ރޯޑްރޭހުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ހާފް މެރަތަން ތައާރަފްކުރާން މިފަހަރު ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން، މުބާރާތުގެ ވަނަތަކަށް އަންނަ ފަރާތްތަކަށްދޭ އިނާމުގެ އަގު ބޮޑުކުރުމާއެކު، ރޭސްބާއްވާ ދުވަހު، މުޅި ދުވަހަށް ދެމިގެންދާނޭ ފަދައިން، ބައިވެރީންނާއެކު ތަފާތު ޚަރާކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިފަހަރުގެ ރޯޑު ރޭހުގެ ފުރަތަމަ އިވެންޓެއްގެ ގޮތުގައި އޮންނާނީވެސް ހާފްމެރަތަންއެވެ. އެ އިވެންޓު ފެށުމަށް ހަމަޖެހިފައި ވަނީ، 27 ވަނަ ދުވަހުގެ މެންދަމު 3:30ގައެވެ. އަދި 10 ކިލޯ މީޓަރުގެ ދުވުން ފަށާނީ، ފަތިހު 5:30ގައެވެ. 5 ކިލޯ މީޓަރުގެ ދުވުން އޮންނާނީ އެދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
ދިރާގު ރޯޑު ރޭހުގައި ބައިވެރިވާން މިހާރު ފުރުސަތު ދެނީ 4000 ބައިވެރީންނަށެވެ. އެގޮތުން، މި ފަހަރުގެ މުބާރާތުގައި ބައިވެރި ވެވޭނޭ އެންމެ ހަގު ޢުމުރެއްގެ ގޮތުގައި ދިރާގުން ކަނޑައަޅާފައި ވަނީ 7 އަހަރެވެ.
ދިރާގުން ބުނީ، މިފަހަރުގެ ރޯޑްރޭހުގެ ހަރަކާތްތައްވެސް ކުރިއަށް ދާނީ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ކަމަށާއި، މިފަހަރުގެ ރޯޑް ރޭހުގައި ޖުމުލަ 12 އެންޖީއޯއަކުން ބައިވެރި ވެފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް ފައިސާ ހޯދުމަށް ކުރިއަށް ގެންދާ ޚާއްސަ އިވެންޓްތަކެއް އެދުވަހު އެ ސަރަހައްދުގައި ކުރިއަށް ގެންދާނޭ ކަމަށެވެ.
މިއަހަރުގެ ރޯޑު ރޭހުގައި ތަމްޘީލުކުރާ 5 އެންޖީއޯއަކަށް 200،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރާއްޖޭގެ އެންމެ ދުވަސްވީ މުއާސަލާތީ ކުންފުނިން ބުނެއެވެ.